ނިމިދިޔަ މިނިވަން 50 ޗެމްޕިއަންޝިޕްގައި ގދ. ފަރެސްމާތުޑާއިން ފާހަގަވު އެއްމާބަނޑު ދެބެން ކަމުގައިވާ އިހްސާން އަލީ އާއި އީމާން އަލީގެ އިތުރުން ސ. ހިތުދޫ ޓީމުން ފާހަގަވި ޙަސަން ރާއިފް އަޙްމަދު (ހަންނާ)ގެ ކިބައިގައި ރާއްޖޭގެ ގައުމީ ޓީމަށް ވާދަ ކުރުމުގެ ފެންވަރު ހުރި ކަމަށް ކުލަބު އީގަލްސް އިން ބުނެފި އެވެ.

އީގަލްސްއިން ވަނީ މިދިޔަ ހަފުތާގައި މި ކުޅުންތެރިން ލައްވައި އެ ޓީމަށް ސޮއި ކުރުވާފަ އެވެ.

އިހްސާން އާއި އީމާން ވަނީ މިނިވަން 50 ޗެމްޕިއަންޝިޕްގެ ފައިނަލަށް ފަރެސް މާތުޑާ ގެންދިއުމަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

މިދިޔަ އަހަރު އޯ ލެވަލް ނިންމި ހަނާން ވަނީ އީގަލްސްއާއެކު ދެ އަހަރު ދުވަހަށް ސޮއިކޮށްފަ އެވެ.

މިނިވަން 50 ޗެމްޕިއަންޝިޕްގެ ފައިނަލްގައި ފަރެސްމާތުޑާގެ އީމާން (ވ) ފޭދޫ ޓީމުގެ ކުޅުންތެރިޔެއް އަތުން ބޯޅަ ހޯދުމަށް މަސައްކަތް ކުރަނީ --- ފައިލް ފޮޓޯ/ އައްޑޫ ލައިވް

އީގަލްސްއިން ބުނީ އެ ތިން ކުޅުންތެރިންގެ ކިބައިގައި ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ވާދަ ކުރުމުގެ ހުނަރާއި ފެންވަރު އެބަހުރި ކަމަށާއި އަދި ކުރިއަށް ތަނުގައި ރާއްޖޭގެ ގައުމީ ޖޯޒީގައި ކުޅޭ ފެންވަރަށް އެކުޅުންތެރިން ފައްކާ ވާނެ ކަމަށެވެ.

"އެ ކުޅުންތެރިންގެ ކިބައިގައި އެބަ ހުރި ރާއްޖޭގެ އެންމެ މަތީގައި ވާދަ ކުރުމުގެ ހުނަރާއި ފެންވަރު. އަދި ގައުމީ ކުލައިގައި ކުޅުމުގެ ޕެޝަން އަދި ޓެލެންޓް ވެސް އެކުޅުންތެރިންގެ ކިބައިގައި ހުރިކަން ފާހަގަ ކުރަން،" އީގަލްސްގެ ފޭސް ބުކް ޕޭޖުގައި އެކުޅުންތެރިންނާ ބެހޭ ގޮތުން ބުނެފައިވެ އެވެ.