ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސްރީ ލަންކާއިން ސްނައިޕަރެއް ރާއްޖެ ގެނައި މައްސަލާގައި ހައްޔަރުކުރި ތިން ދިވެހިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ އެ ތިން މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި އެ ތިން މީހުންގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސްނައިޕަރު ރާއްޖެ ގެނައި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އެ ސްނައިޕަރުގެ ބަންދުގެ މުއްދަތު ވެސް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.

ހައްޔަރުކޮށްފައިވާ ސްނައިޕަރުގެ މަންމަ ބުނީ އޭނާ ރާއްޖެއަށް އައީ ވަޒީފާއެއް ހޯދުމަށް ކަމަށެވެ. އަދި އެކަމުގެ ހެއްކެއްގެ ގޮތުން އޭނާ ރާއްޖެއަށް ދިޔުމުގެ ކަންތައްތައް ހަމަޖައްސައި ދިން ލަންކާގެ އޭޖެންޓާއި ރާއްޖެއިން ވަޒީފާ ހޯދައިދޭން ބުނި ރާއްޖޭގެ މީހާގެ މައުލޫމާތު ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ދީފައި ވާނެ ކަމަށް ވެސް ސްނައިޕަރުގެ މަންމަ ވަނީ ބުނެފަ އެވެ.