31 Jan 2016, 11:54
މ. ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާ އަނބުރާ ގެނެސް، ހާމިދު ވެސް ހިމެނޭ ގޮތަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޒިޔަތުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ޅ. މާބިންހުރާ، ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އަދީބާއި ހާމިދުގެ މައްޗަށް އުފުލާފައި ވަނީ އެ ފައިސާއަށް ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ހާމިދާއި އަދީބާއި ޒިޔަތު މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އެ މައްސަލައާ ގުޅޭ މައުލޫމާތުދީފައެވެ.
އެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް ވެސް އަދީބާއި ޒިޔަތުގެ މައްޗަށް އުފުލާފައިވެއެވެ. އެއީ ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން މާލެއަތޮޅުގެ ފަޅެއް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެބޮނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރި މައްސަލާގައެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން އެ ފަޅު ދޫކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލީ އަދީބުގެ މައްޗަށެވެ. ޒިޔަތުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެފަޅު ކުއްޔަށް ދޫކުރުމުން ލިބުނު އެއް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައެވެ.
އަދީބާއި ޒިޔަތު ވެސް ވަނީ ދައުވާ އަށް އިންކާރު ކުރައްވާފައެވެ.