ދިވެހިން ބިދޭސީންނާ ކައިވެނި ކުރުން މަދުވެ، ރާއްޖެ އިން ބޭރުގައި ދިވެހިން ބިދޭސީންނާ ކުރާ ކައިވެނީގެ އަދަދު އިތުރުވަމުންދާ ކަމަށް ފެމެލީ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފެމެލީ ކޯޓުން "ސަން"އާ ހިއްސާ ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ދިވެހިން ބިދޭސީންނާ ކުރި ކައިވެނީގެ އަދަދު ވަނީ ނުވަ ޕަސެންޓަށް ދަށްވެފަ އެވެ. ދެހާސް ސާދަ ވަނަ އަހަރު ދިވެހިން ބިދޭސީންނާ ކުރި ކައިވެނީގެ އަދަދަކީ 116 އެވެ. ނަމަވެސް މިދިޔަ އަހަރު ވަނީ ދޭސީ-ބިދޭސީ ކައިވެނީގެ އަދަދު 105 އަަށް މަދުވެފަ އެވެ.

ދޭސީ-ބިދޭސީ ކައިވެނި:

  • ބޭރު މީހުންނާ އެންމެ ގިނައިން ކައިވެނި ކުރަނީ ދިވެހި ފިރިހެނުން
  • ދިވެހި އަންހެނުން ވެސް ބޭރު މީހުންނާ އެންމެ ގިނައިން ކައިވެނި ކުރަނީ ރާއްޖެއިން ބޭރުގައި
  • ދޭސީ-ބިދޭސީ ކައިވެނި މިދިއަ އަހަރު ވަނީ 9 ޕަސެންޓް ދަށްވެފައި

ތަފާސް ހިސާބުން ދައްކާ ގޮތުން ބޭރު މީހުންނާ އެންމެ ގިނައިން ކައިވެނި ކުރަނީ ދިވެހި ފިރިހެނުންނެވެ. މިދިއަ އަހަރު ދިވެހި ފިރިހެނުން ބިދޭސީންނާ ކުރާ ކައިވެނީގެ އަދަދަކީ 61 އެވެ. ދިވެހި އަންހެނުން ބިދޭސީންނާ މިދިއަ އަހަރު ކުރި ކައިވެނީ އަދަދަކީ 44 އެވެ. ދިވެހި ފިރިހެނުން އެންމެ ގިނައިން ބޭރު އަންހެނުންނާ ކައިވެނި ކުރަނީ ރާއްޖެ އިން ބޭރުގައި ކަމަށް ފެމެލީ ކޯޓުގެ ތަފާސް ހިސާބުން ދައްކަ އެވެ.

މިދިޔަ އަހަރު ރާއްޖެއިން ބޭރުގައި ދިވެހި ފިރިހެނުން ބިދޭސީންނާ ކުރި ކައިވެނީގެ އަދަދަކީ 39 އެވެ. މިދިޔަ އަހަރު ރާއްޖޭގައި ކުރި ދޭސީ-ބިދޭސީ ކައިވެނީގެ އަދަދަކީ 42 އެވެ. އެއީ ދިވެހިން އަންހެނުން ބިދޭސީންނާ ކުރި 20 ކައިވެންޏާއި ދިވެހި ފިރިހެނުން ބިދޭސީންނާ ކުރި 22 ކައިވެންޏެވެ.