19 Apr 2011, 17:56
އެކި ކަންކަމާބެހޭ ގާނޫނު ތަކާއި ގަރާރުތައް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނިންމަމުން އައި ނަމަވެސް މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ ތަޅުމުގައި ބޮޑުކަމެއް ދިމާވެގެންދިޔަ ދުވަހެއްކަން ފާހަގަ ކުރެވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހުށަހަޅުއްވާފައިވާ މާލީ ބަޔާނާ މެދު އަމަލު ކުރާނެ ގޮތެއް ނިންމުމުގެ މައްސަލައާ، މެންބަރުންނަށް ކުރިމަތިލާން ޖެހުނެވެ. އެ ނިންމުން ބިނާވެފައި އޮތީ މާލީ ބަޔާންތައް ހާމަ ކުރުމާއި ނުކުރުގެ މައްޗަށެވެ.
ގާނޫނުއަސާސީގެ 76 ވަނަ މާއްދާގައި ބުނަނީ ކޮންމެ މެންބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ހިސާބު ތަކާއި، ވިޔަފާރީގެ މަސްލަހަތު ތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރު ކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމަށް ހުށަހަޅަންވާނެ ކަމަށެވެ. މި ގޮތުން ދޭ މައުލޫމާތުގައި އެ މީހަކު އަދާކުރާ އެހެން ވަޒީފާ ތަކާއި އެ ވަޒީފާ ތަކުގެ ޒިންމާތައް ހިމަނަންވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެ އެވެ. ނަމަވެސް އެ ބަޔާންތަކާމެދު ދެން އަމަލު ކުރާނެ ގޮތެއް ގާނޫނު އަސާސީގައި ބުނެފައެއް ނުވެ އެވެ.
މަޖިލީހުގެ ރިޔާސަތުން ހުށަހަޅައިގެން، މާލީ ބަޔާންތަކާބެހޭ ގޮތުން މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމުގެ ބަހުސް މިއަދު ފެށިއިރު އެކަމާ ބެހޭގޮތުން އަމަލު ކުރާނެ ގޮތެއް ސުލޫކު ކޮމިޓީން ވެސް މަޖިލީހުގެ ތަޅުމަށް ހުށަހެޅި އެވެ.
ސުލޫކު ކޮމިޓީން ނިންމައި ހުށަހަޅާފައިވާ ހުށަހެޅުމުގައި ވަނީ ޝަރީއަތުގެ އެންގުމެއްގެ މަތިން ނޫން ގޮތަކަށް މާލީ ބަޔާނާބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ކަމަށެވެ.
އެ މައްސަލައިގެ ބަހުސްގެ ފުރަތަމަކޮޅު މެންބަރުން ތިން ވިސްނުމެއްގައި ވާހަކަ ދެއްކެވި އެވެ. އޭގެ ތެރެއިން އެއް ވިސްނުމަކީ ކޮމިޓީން ހުށަހަޅާފައިވާ ގޮތަށް ނިންމުމެވެ.
އެ ވިސްނުމުގައި ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، މެންބަރުންގެ އަގު ވައްޓާލުމަށްޓަކައި މީޑިޔާއިން މެންބަރުންނާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކަމުންދާ ދަނޑިވަޅުގައި އެފަދަ މައުލޫމާތު ތަކެއް ހާމަ ކުރެވިގެން ނުވާނެ ކަމަށެވެ.
"މަޖިލިސްގެ މެންބަރުން ވެސް އެކަމާ ދެކޮޅު ނުހައްދަވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. އަޅުގަނޑުމެންގެ މާލީ ބަޔާން ހޯދަން ބޭނުންވެއްޖެ ނަމަ ޝަރުއީ މަރުހަލާއަކަށް ގޮސް އެ މަރުހަލާ އަކުން ކޯޓު އަމުރަކާ އެކީގައި ނުވަތަ ކޯޓުން ނިންމާ އުސޫލެއްގެ މަތިން އަޅުގަނޑުމެން މި ތިބީ އެ ބަޔާންދޭން،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މޫސާ މަނިކު ވިދާޅުވި އެވެ.
މޫސަގެ އެ ވިސްނުމަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި މެންބަރުންގެ ތެރޭގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ އަބުދުލް ޣަފޫރު މޫސާ އާއި ވިލުފުށީ ދާއިރާގެ ރިޔާސު ރަޝީދާއި މާވަށު ދާއިރާގެ އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ފާހަގަކޮށްލެވެ އެވެ.
މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ވެސް ވިދާޅުވީ މެންބަރުންގެ މާލީ ހާލަތު އާއްމު ކުރުމުން ބައެއް މެންބަރުން ކަންބޮޑުވާނެ ކަމަށާއި އަނެއްބައި މެންބަރުން ލަދު ގަންނާނެ ކަމަށެވެ.
"ފައިސާ މާގިނަ އިން ހުންނަވާ ބޭފުޅުން ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާނެ. ފައިސާ ނުހުންނަ ބޭފުޅުން ލަދު ގަންނާނީ. އަޅުގަނޑުމެންގެ ހާލަތު މީޑިޔާގައި ހާމަ ވަމުންދާ ދުވަސް ވަރެއްގައި ބޭނުންހާ މީހަކަށް މި ހަގީގަތްތައް ލިބެން އޮތުމަކީ އެއްގޮތަކަށް ވެސް އަޅުގަނޑު ގަބޫލު ކުރާ ކަމެއްނޫން،" އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވި އެވެ.
އެ މައްސަލައިގައި ދެވަނަ ވިސްނުމުގައި ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، މެންބަރުންގެ މާލީ ބަޔާނަކީ ހާމަކުރަންޖެހޭ އެއްޗެއް ކަމަށެވެ. އަދި އެ ބަޔާން ރައްޔިތުންނަށް ފެންނަ ގޮތަށް ފާރުތަކުގައި ހިއްޕެން ޖެހޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
އެ ބަޔާން ހާމަ ކުރެއްވުމަށް ތާއީދު ކުރެއްވި މެންބަރުންގެ ތެރެއިން މަނަދޫ ދާއިރާގެ މުހައްމަދު ތޯރިގު ވިދާޅުވީ، ޝަރީއަތް މެދުވެރިކޮށްނޫން ގޮތަކަށް މާލީ ބަޔާނާ ބެހޭ މައުލޫމާތު ލިބޭގޮތަށް އޮތް އޮތުމަށް ވަރަށް ސާފު ބަހުން ދެކޮޅު ހައްދަވާ ކަމަށެވެ. އަދި މީޑިޔާ އިން މެންބަރުންނަށް އިނގިލި ދިއްކުރާ ވާހަކަ ދައްކަމުން މެންބަރުންނަށް މި ކުރެވޭ ކަމަކީ އަމިއްލަ ކަންތައް ސިއްރު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކަންތައް ހާމަކޮށްގެން އަޅުގަނޑުމެންގެ ކަންތައް މީޑިޔާ އަށް އެނގިގެން އަޅުގަނޑުމެންނާ ބެހޭ ހަގީގީ ވާހަކަ ދައްކަން އެނގޭނީ. ގާނޫނު އަސާސީގައި ނެތް މިކަން ހާމަ ނުކުރެވޭނެ ކަމަކަށް ވެސް. އަޅުގަނޑު ދެކޭ ގޮތުގައި މިއީ މިހިސާބަށް ގެންނަން ޖެހޭ ކަމެއްނޫން. މަޖިލީހުގެ ވެބްސައިޓުން ބޭނުން ބަޔަކަށް ބެލޭ ގޮތަށް އެ މައުލޫމާތުތައް ހުންނަން ޖެހޭނެ،" ތޯރިގު ވިދާޅުވި އެވެ.
ތޯރިގުގެ ހުށަހެޅުއްވުމަށް ތާއީދުކޮށް ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ވިލިމާފަންނު ދާއިރާގެ މެންބަރު ނިހާން ހުސައިން މަނިކާއާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން ހަމީދު ފާހަގަ ކުރެވެ އެވެ.
"އަޅުގަނޑުމެނަށް އެނގެންޖެހޭ ވަކި ޒާތެއްގެ މައުލޫއެއް މަޖިލީހަށް އައިތީވެ ބައެއް މެންބަރުންނަށް ވަކި ކަހަލަ މަޝްރޫއުތައް ލިބިގެން ދިއުމާއި ވަކި ކަހަލަ ރަށްރަށް ލިބިގެން ދިއުމާއި ތަފާތު ފުރުސަތުތައް ލިބިގެންދަނީ ކިހިނެއްތޯ. އާއްމުންނަށް އެނގެންޖެހޭ މައުލޫމާތުތަކެއް އެއީ،" ހަމްދޫން ވިދާޅުވި އެވެ.
ތިންވަނަ ވިސްނުމެއްގައި ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، އެ މައުލޫމާތުތައް ޝަރީއަތް މެދިވެރިކޮށް ލިބޭގޮތަށް އޮތުމުގެ އިތުރުން ތަހުގީގު ކުރާ މުއައްސަސާތަކަށް ވެސް ލިބެންޖެހޭނެ ކަމަށެވެ.
އެވިސްނުމަށް ތާއީދު ކުރެއްވި މެންބަރުންގެ ތެރޭގައި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދާއި ކުޑަހުވަދޫ ދާއިރާގެ އަހްމަދު އާމިރު ހިމެނެ އެވެ. އަދި މަޖިލީހުން އެގޮތަށް ފާސް ކުރުމަށް ހުށަހެޅުމެއްގެ ގޮތުގައި ވެސް އާމިރު އެކަން ތަޅުމަށް ހުށަހެޅުއްވި އެވެ.
ނަމަވެސް އެ ހިސާބުން ބައެއް މެންބަރުންގެ ކުރިން ގެންގުޅުއްވި ހިޔާލުތައް އެހެން ގޮތަކަށް ފުރޮޅައިލެއްވެވި އެވެ. އެގޮތުން ރީކޯ މޫސަ އާއި ރިޔާޒު، ރިޔާސަތުން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ އެ ހުށަހެޅުމަކީ ގާނޫނު އަސާސީއާ ހިލާފް ހުށަހެޅުމެއް ކަމަށް ވިދާޅުވާން ފެއްޓެވި އެވެ.
އެ މެންބަރުން ވިދާޅުވީ، ގާނޫނު އަސާސީގައި ބުނަނީ، މާލީ ބަޔާން ހުށަހަޅަންޖެހޭކަމަށް އެކަނި ކަމަށެވެ. ދެން އެކަމާބެހޭ ގޮތުން ކަންކުރަންވީގޮތެއް ގާނޫނު އަސާސީގައި ބުނެފައި ނެތުމުން އެ މައްސަލައަށް ބަހުސް ނުކުރެވޭނެ ކަމަށް ވެސް އެ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ. ނަމަވެސް މެންބަރުންގެ އެ ވާހަކަ، ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމު އަޑުއައްސަވާގޮތެއް ނުވި އެވެ. އަދި އެ މައްސަލަ އަނބުރައި ގެންދެވުމަށް މެންބަރުން ތަކުރާރުކޮށް ދަންނަވަމުން ގެންދަވަނިކޮށް ތަޅުމަށް ހުށަހެޅިފައިވާ ދެ ހުށަހެޅުމަށް ވޯޓަށް އެއްސެވި އެވެ.
އެ ދެ ހުށަހެޅުމުގެ ތެރެއިން ކުޑަހުވަދޫ ދާއިރާގެ އަހްމަދު އާމިރު، މަލީ ބަޔާނާބެހޭ މައުލޫމާތު ތަހްގީގު ކުރާ ފަރާތްތަކަށް ލިބެންޖެހޭނެ ގޮތަށް ހުށަހެޅުއްވި ހުށަހެޅުން ފާސް ކުރުމަށް ވޯޓު ދެއްވީ އެވަގުތު ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން 20 މެންބަރުންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް 38 މެންބަރުން ވޯޓު ދެއްވި އެވެ. އަދި އެ މައުލޫމާތުތައް ލިބޭނީ ހަމަ އެކަނި ޝަރީއަތުން ކަމަށް ހަމަޖެއްސުމަށް ސުލޫކު ކޮމިޓީން ހުށަހެޅި ހުށަހެޅުން ފާސްކުރަން ފެންނަކަމަށް ވޯޓު ދެއްވީ 63 މެންބަރުންގެ ތެރެއިން 25 މެންބަރުންނެވެ. ނުފެންނަ ކަމަށް 34 މެންބަރުން ވޯޓު ދެއްވާފައިވާތީ އެ ދެގޮތުންކުރެ އެއްގޮތަކަށް ވެސް އެ މައްސަލަ ފާހެއް ނުވި އެވެ. އެހެންކަމުން މާލީ ބަޔާނާބެހޭ މައްސަލައަށް މެންބަރުންނަށް ގޮތެއް ނުނިންމުނެވެ.