31 Jan 2016, 11:16
ޓޮޕްކެޓް ކެޓަމަރަންއެއްގައި 21 ދުވަހުން ރާއްޖެ ވަށައި ބުރެއް ޖެހުމުގެ ދަތުރަށް އަބްދުލް ގަފޫރު އަލީ (ގައްބެ) މިއަދު ހެނދުނު ނައްޓާލައިފި އެވެ.
ރާއްޖޭގައި މީހަކު އަލަށް ކުރާ ދަތުރަށް ގައްބެ ނައްޓާލީ މިއަދު ހެނދުނު 10:30 ހާއިރު އިއްޒުއްދީން ފާލަން ސަރަހައްދުންނެވެ.
ގައްބެގެ މި ދަތުރުގައި ރާއްޖޭގެ 21 ރަށަކަށް މަޑުކުރާނެ އެވެ.
ގައްބެ ބުނީ އޭނާގެ ދަތުރުގެ ބޭނުމަކީ ރާއްޖެއަކީ ވަށައިގެން ކަނޑު އޮތް ތަނަކަށްވާ އިރު ރާއްޖޭގެ ޓޫރިޒަމް އިތުރަށް ޕްރޮމޯޓްކޮށް އިޝްތިހާރު ކުރުން ކަމަށެވެ.
"އަޅުގަނޑު މިހުރީ މި ދަތުރަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި. އިރާދަކުރެއްވިއްޔާ މިކަން ކާމިޔާބު ކުރާނަން،" ގައްބެ ބުންޏެވެ.
އެ ދަތުރުގައި ގައްބެ މަޑުކުރާ ރަށްރަށުގެ ސަގާފީ އާއި ގުދުރަތީ މަންޒަރުތައް ދެއްކުމާއި އެތަންތަން އޭގެ އަސްލު ނުގެއްލޭގޮތަށް ދަމަހައްޓާ ހިމާޔަތްކުރުމުން ފަތުރުވެރިކަމަށް ލިބޭ މަންފަ އާއި ގުޅޭގޮތުން އެ ރަށްރަށުގެ މީހުން ހޭލުންތެރިކުރުވާނެ އެވެ.
ގައްބެ ބުނީ ދަތުރުގައި މަޑުކުރާ އެއްވެސް ރަށެއްގައި އެއްގަޑިއިރަށްވުރެ ގިނައިރު މަޑުނުކުރާނެ ކަމަށެވެ.
ގައްބެގެ ދަތުރުގެ ސަލާމަތީ ކަންކަމަށް ބަލާއިރު، ސެޓަލައިޓަކުން ގައްބެ އަބަދުވެސް ލޮކޭޓް ކުރާނެ އެވެ. އަދި ކޯސްޓްގާޑާއި ސަލާމަތީ ބާރުތަކުން ގައްބެ ފޮލޯކުރާ އިރު، ދިރާގުން މިއަދު ވަނީ ގައްބެ އަށް ސެޓަލައިޓް ފޯނެއް ހަވާލުކޮށްފަ އެވެ.