31 Jan 2016, 11:14
ފެމެލީ ކޯޓުގައި ކުރި ކައިވެނީގެ އަދަދު އިތުރުވެ، ވަރި ކުރުން 9.6 ޕަސެންޓަށް ދަށްވެފައިވާ ކަމަށް އެ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ފެމެލީ ކޯޓުން "ސަން"އާ ހިއްސާ ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ވަނީ 1288 ވަރި ކޮށްފަ އެވެ. އެއީ 2014 ވަނަ އަހަރު ވަރި ކުރި އަދަދާ އަޅާ ބަލާއިރު، 9.6 ޕަސެންޓުގެ ދަށްވުމެކެވެ. ދެހާސްސާދަ ވަނަ އަހަރު ފެމެލީ ކޯޓު މެދުވެރިކޮށް ކުރި ވަރީގެ އަދަދަކީ 1426 އެވެ.
ފެމެލީ ކޯޓު މެދުވެރިކޮށް މިދިޔަ އަހަރު ވަނީ 2417 ކައިވެނިކޮށްފަ އެވެ. އެ އަދަދަކީ 2014 ވަނަ އަހަރު ކުރި ކައިވެންޏާ އަޅާ ބަލާއިރު، ދެ ޕަސެންޓް އިތުރުވުމެކެވެ. ދެހާސް ސާދަ ވަނަ އަހަރު ފެމެލީ ކޯޓުން ކޮށްދީފައިވާ ކައިވެނީގެ އަދަދަކީ 2357 އެވެ.
އަތޮޅުތަކާއި މާލޭގެ ކޯޓުތައް މެދުވެރިކޮށް ކުރާ ކައިވެންޏާއި ވަރީގެ ޖުމްލަ ތަފާސް ހިސާބު އާންމު ކުރަނީ ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޓް (ޑީޖޭއޭ)އިންނެވެ. އެ ޑިޕާޓްމަންޓުން މުޅި ރާއްޖޭގެ މިދިޔަ އަހަރުގެ ވަރި-ކައިވެނީގެ ތަފާސް ހިސާބެއް އަދި އާންމެއް ނުކުރެ އެވެ.
ޑީޖޭއިން މިދިޔަ އަހަރު އާންމުކޮށްފައިވާ ތަފާސް ހިސާބު ރިޕޯޓުގައި ބުނެފައިވާ ގޮތުން 2014 ވަނަ އަހަރު އަތޮޅުތަކާއި މާލޭގައި ކުރި ވަރީގެ ޖުމްލަ އަދަދަކީ 3414 އެވެ. އެއީ 2013 ވަނަ އަހަރު ވަރި ކުރި އަދަދަަށް ވުރެ، ދެ ޕަސެންޓު އިތުރުވުމެކެވެ. ދެހާސްދޭތަ ވަނަ އަހަރު ވަރި ކުރި ޖުމްލަ އަދަދަކީ 3332 އެވެ.