31 Jan 2016, 11:09
ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ބަހްރެއިންގައި ކުރިއަށް ގެންދިޔަ ޓްރެއިން ކޭންޕަކީ މިހާތަނަށް ޓީމުން ކުރިއަށް ގެންދިޔަ އެންމެ ކާމިޔާބު ކޭމްޕް ކަމަށް އެ ޓީމުން ބުނެފި އެވެ.
ސަންއާ ވާހަކަ ދައްކަމުން އެފްއޭއެމް އަންހެން ފުޓްބޯޅަ ޑިޕާޓްމެންޓްގެ ހެޑް މަރްޔަމް މުޙައްމަދު (މާޔަން) ވިދާޅުވީ ބަހްރެއިންގެ ވެރިރަށް މަނާމާގައި ބޭއްވި ޓްރެއިނިން ކޭމްޕްގައި ތިން މެޗް ކުޅެ އިންޓަނޭޝަނަލް ދެ ފްރެންޑްލީ މެޗުގައި މުޅި ޓީމުން ރަނގަޅު ޕާފޯމަންސެއް ކުރި ކަމަށެވެ.
މާޔަން ވިދާޅުވީ ޓްރޭނިން ކޭމްޕުގައި ކެއުމާއި ހުރުން ވެސް ވަރަށް ފުރިހަމަ ކަމަށާއި މިއީ ގައުމީ އަންހެން ޓީމުން މިހާތަނަށް ކުރި އެންމެ ރަނގަޅު ޓްރޭނިން ކޭމްޕު ދަތުރު ކަމަށް ދެންނެވިދާނެ ކަމަށެވެ.
ޓްރެއިނިންގް ކޭމްޕް ކުރިއަށް ގެންދެވުނީ ކޯޗް ނައޯކާ ކަވަމާޓޯ (ރިއޯ ކޯޗް) އެންމެ ބޭނުންވި ވަގުތުގައި ކަމަށްވުމުން ސީދާ ސައުތު އޭޝިއަން ގޭމްސްއަށް އޭގެ ފައިދާ ކުރާނެ ކަމަށް މާޔަން ވިދާޅުވިއެވެ.
ބަހްރެއިންގައި އެ ގައުމުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު 1-0 ން އެޓީމު އަތުން ބަލިވި ނަމަވެސް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ކަމަށާއި އަދި ނުރައްކާތެރި ހަމަލާތަކެއް ވެސް ބަހްރެއިންގެ ގޯލަށް އަމާޒު ކުރިކަމަށް މާޔަން ފާހަގަ ކުރިއެވެ.
މާޔަން ވިދާޅުވީ ސައުތު އޭޝިއަން ގޭމްސްގައި ޓީމުގެ އެންމެ ފުރަތަމަ އަމާޒަކީ ސެމީފައިނަލަށް ދިއުން ކަމަށެވެ.
ގޭމްސްގައި ރާއްޖެ ލައްވާލީ ނޭޕާލާއާއި ސުރީލަންކާއާއެކު ގުރޫޕް 'އޭ' ގައެވެ.