31 Jan 2016, 11:50
މުމްބާއީ (ޖެނުއަރީ 31): އަމިއްލައަށް މަރުވެގެން ހަމަލާދިނުމުގެ އުކުޅުތައް އިންޓަނެޓް މެދުވެރިކޮށް އޮންލައިން ކްލާސްތަކެއް ބާއްވައިގެން އިންޑިއާގެ އަންހެން ކުދިންނަށް އައިއެސްގެ ލީޑަރު، އަބޫ ބަކުރު އަލް ބަގުދާދީ ދަސްކޮށްދެމުންދާ ކަމަށް ތުހުމަތުކޮށްފި އެވެ.
އެ ތުހުމަތު ބަގްދާދީގެ މައްޗަށް އުފުލާފައި ވަނީ ބަމުމްބާއީގެ އެންޓި ޓެރާ ސްކުއެޑުން (އޭޓީއެސް) ހައްޔަރުކޮށްފައިވާ އައިއެސްއާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ބަޔަކާ ހަވާލާދީފަ އެވެ.
އޭޓީއެސް އިން ހައްޔަރުކުރުމަށް ފަހު ސުވާލު ކުރަމުންދާ އައިއެސް ޖަމާއަތުގެ ބައިވެރިން ކަމަށް ބެލެވޭ މީހުން ބުނި ގޮތުގައި ސްކައިޕް ފަދަ އެހެނިހެން ވީޑިއޯ ސްފްޓެވެއާތައް ބޭނުންކޮށްގެން ބަގްދާދީ ދަނީ މުމްބާއީ އާއި އިންޑިއާގެ އެހެން ބައެއް ސަރަހައްދުތަކުގެ ޒުވާނުންނަށް، ހާއްސަކޮށް އަންހެން ކުދިންނަށް ބޮން ގޮއްވާލައިގެން ހަމަލާދޭން ދަސްކޮށްދެމުންނެވެ.
މިދިޔަ ހުކުރު ދުވަހު އައިއެސްގެ މެމްބަރުން ކަމަށް ބެލެވޭ އިންޑިއާގެ ތިން މީހަކު ޔޫއޭއީއަށް ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި އެ ގައުމުން ވަނީ އެމީހުން ޑީޕޯޓު ކުރުމަށްފަހު އިންޑިއާ އަށް ފޮނުވާލާފަ އެވެ. އިންޑިއާގެ ނެޝަނަލް އިންޓެލިޖެންސް އޭޖެންސީން މިހާރު ދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ. (ނޫސްއޭޖެންސީތައް)