ދިހަ މީހުންނާ އެއްކޮށް ރޭ ކުޅުނު އެތުލެޓީކޯ މެޑްރިޑް 2-1 ނަތީޖާއަކުން ބަލިކޮށް ބާސެލޯނާ ސްޕެނިޝް ލީގްގެ ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ބާސާގެ އަމިއްލަ ދަނޑު ކޭމްނޯ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ރެފްރީ އަންޑޭނެއޯ މަލަންކޭ ވަނީ އެތުލެޓީކޯގެ ފިލިޕޭ ލުއިސްއަށާއި ޑިއޭގޯ ގޯޑިންއަށް ރަތް ކާޑް ދައްކައި ދަނޑުން ފޮނުވައިލައިފަ އެވެ.

އެގޮތުން މެޗްގެ 44 ވަނަ މިނެޓްގައި ފިލިޕޭއަށް ރަތް ކާޑް ދެއްކީ ބާސާގެ ލިއޮނަލް މެސީއަށް ކުރި ފައުލަކާ ގުޅިގެންނެވެ. މެޗުގެ 65 ވަނަ މިނެޓްގައި ގޯޑިންއަށް ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލީ ލުއިސް ސުއަރޭޒްއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މެޗުގައި އެތުލެޓީކޯ އިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ބާސާގެ ގޯލަށް އަމާޒުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު އެތުލެޓީކޯއަށް ޖަހައިދިނީ ސައުލު ނިގްއިޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކޯކް އެވެ.

ލަނޑު ޖެހުމަށް ފަހު އެތުލެޓީކޯ މެޑްރިޑްގެ ކުޅުންތެރިން އުފާ ކުރަނީ --- ފޮޓޯ/ އޭއެސް

ބާސާ އިން ނަތިޖާ ހަމަހަމަ ކުރީ 30 ވަނަ މިނެޓްގައި މެސީ ކާމިޔާބު ކުރީ ލަނޑުންނެވެ.

ބާސާ ލީޑް ނެގި ލަނޑު 38 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލުއިސް ސުއަރޭޒްއެވެ.

ބާސާގެ ލަނޑު ޖެހި ދެ ކުޅުންތެރިން މެސީ (ކ) އާއި ސުއަރޭޒް ލަނޑު ޖެހުމަށް ފަހު އުފާ ކުރަނީ --- ފޮޓޯ/ އޭއެސް

މެޗްގައި އެތުލެޓީކޯގެ ކުޅުންތެރިންގެ ފަރާތުން ފެނުނު މޮޅު ކުޅުމަށް އެޓީމުގެ ކޯޗް ޑިއެގޯ ސިމިއޭނޯ ވަނީ ތައުރީފްކޮށްފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުނީ ފުޓްބޯޅައިގައި އަބަދުވެސް ބަލިވުމާ މޮޅުވުން އޮންނާނެ ކަމަށާއި ބަލިވާނަމަ އޭނާ އަބަދުވެސް އެދެނީ އެގޮތަށް ބަލިވުން ކަމަށެވެ.

ތިން ޕޮއިންޓްގެ ލީޑަކާއެކު އެއް ވަނައިގައި އޮތް ބާސާގެ ކޯޗް ލުއިސް އެންރީކޭ ބުނީ އެއްވަނައަށް އެރުމުން އަދި ފަރު ޖައްސާ ލެވެން ނެތް ކަމަށާއި އަދިވެސް ގިނަ މަރުހަލާތަކެއް ކުރިއަށް އެބައޮތް ކަމަށެވެ.

ބާސާ އެއް ވަނައިގައި އޮތީ 51 ޕޮއިންޓާއެކުވެ. ސާޅީސް އަށް ޕޮއިންޓާ އެކު ދެވަނަ އިގައި އެތުލެޓީކޯ މެޑްރިޑް އޮތް އިރު ވާދަވެރި ރެއާލް މެޑްރިޑް އޮތީ 44 ޕޮއިންޓާ އެކު ތާވަލްގެ ތިން ވަނައިގަ އެވެ.

ސްޕެނިޝް ލީގްގައި ރޭގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ރެއާލްގެ ފަހަތުން ތާވަލްގެ ހަތަރު ވަނައިގައި އޮތް ވިލަރެއާލް ވަނީ އަމިއްލަ ދަނޑުގައި ގްރެނޭޑާގެ މައްޗަށް 1-0ގެ ނަތީޖާއަކުން ކާމިޔާބު ހޯދާފަ އެވެ. އަދި ފަސް ވަނާގައި އޮތް އެތުލެޓީކް ބިލްބާއޯ ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ގަޓޭފޭ އަތުން 1-0 ން މޮޅުވެފަ އެވެ. އަދި އަމިއްލަ ދަނޑުގައި ކުޅުނު އެއިބާ ވަނީ މަލާގަ އަތުން 2-1ގެ ނަތީޖާއަކުން ބަލިވެފަ އެވެ.