19 Apr 2011, 17:58
މާލެއަތޮޅުގެ ތިލަފަޅުތަކުގައި ފަސް ހެކްޓަރާއި 10 ހެކްޓަރުގެ 10 ރަށް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މިއަދު ބޭއްވި އެ މަޖިލީހުގެ ބައްދަލުވުމުގައި ކަމަށެވެ. އަދި އެގޮތަށް ނިންމެވީ، ރާއްޖޭގެ ޓުއަރިޒަމް ކުރިއަރުވައި ހިންގުމުގެ މައިގަނޑު އިންފްރާސްޓްރަކްޗަރު ޤާއިމް ކުރެވިފައިވާ ސަރަހައްދަކީ، މާލެއަތޮޅު ކަމަށްވާތީ އާއި މާލެއަތޮޅުގެ ފަޅުފަޅާއި ފިނޮޅުތަކުގައި ޓޫރިސްޓް ފެސިލިޓީޒް ޤާއިމް ކުރުމަށް ވަރަށް ގިނަ އިންވެސްޓަރުން ހުށަހަޅަމުންދާތީ އާއި ތިމާވެށްޓާ ރަހްމަތްތެރިކޮށް ރަށްރަށް އުފެއްދުމުގެ ފުރްސަތު މިހާރު ހުޅުވިފައި ވާތީ، އެކަމާ ބެހޭ ގޮތުން މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.
އެކަންކަން ކުރުމުގައި ރަށް އުފައްދައި ނިމޭއިރު އެ ރަށް އޮންނާނެ ގޮތް ކަނޑައެޅުމާއި އެ ރަށްރަށުގައި އިންވެސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކުން އެދޭ ގޮތަކަށް އެ ރަށްތައް ޑިޒައިން ކުރެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށާއި އިންވެސްޓަރުންގެ ތެރެއިން އެ ރަށްރަށް ގަތުމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތައް ހޯދުމަށް އާންމުކޮށް އިއްލާނު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.