ކޮލިޓީ ކިތަންމެ ދަށް ނަމަވެސް، އަގު ހެޔޮ އެއްޗެހި ގަތުމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. އެފަދައިން ތަރުކާރީ އާއި މޭވަ ގަންނަ މީހުން ވެސް ވަކި މަދެއް ނޫނެވެ. ބާޒާރަށް ގޮސް އެންމެ ފުރަތަމަ ވެސް ބަލާލެވޭނީ އަގަށެވެ. ތަކެތީގެ އަގުތައް އަތް ނުފޯރާފަށުގައި ހުރުމުން ވާނީ ވެސް އެހެންތާ އެވެ.

ކިތަންމެ އަގު ހެޔޮ ވިނަމަވެސް، ކޮލިޓީ ދަށް، ހަލާކުވެފައި ހުންނަ މޭވާ އާއި ތަރުކާރީ ގަތުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އެ އެއްޗެހި ގަތުމުގައި އަބަދުވެސް އިސްކަން ދޭންވީ ކޮލިޓީ އަށެވެ. އޭގެ އަގަކަށް ނޫނެވެ.

ތާޒާ މޭވާ އާއި ތަރުކާރީ ގަތުން

ތާޒާ މޭވާ އާއި ތަރުކާރީ ގަތުމަށް އަބަދުވެސް އިސްކަން ދޭށެވެ. އޭގެ ކުލައިން ވެސް އެ މޭވާ ނުވަތަ ތަރުކާރީގެ ތާޒާކަން އެނގޭނެ އެވެ.

ހަމައެކަނި އަގަށް ބަލާފައި ނުގަނޭ

ކުރިން ވެސް ފާހަގަ ކޮށްލެވުނު ފަދައިން މޭވާ އާއި ތަރުކާރީ ގަތުމުގައި ހަމައެކަނި އަގަށް ނުބަލާށެވެ. ކިތަންމެ އަގު ބޮޑުވި ނަމަވެސް ތަޒާ، ކޮލިޓީ މޭވާ އާއި ތަރުކާރީ ގަތުމަށް އިސްކަން ދޭށެވެ.

އަމިއްލަ ގައުމުގައި ހައްދާ ތަރުކާރީ ގަންނަން އިސްކަންދީ

އަމިއްލަ ގައުމުގައި ނުވަތަ ރަށުގައި ހައްދާ ތަރުކާރީ ގަންނަން އިސްކަން ދޭށެވެ. ސަބަބަކީ އެތަކެތީގެ އަގު އެހެން ގައުމަކުން ގެނެއްސަ ހުންނަ ތަރުކާރީ އާއި މޭވާ އަށްވުރެ ތާޒާވެފައި އަގު ހެޔޮ ވާނެ އެވެ.

ސީޒަނަލްކޮށް ހައްދާ ތަރުކާރީ އާއި މޭވާ ގަތުން

ރާއްޖޭގައި ވެސް އަދި އެހެނިހެން ގައުމުތަކުގައި ވެސް ސީޒަނަލް ކޮށް ނުވަތަ ވަކި ދުވަސްވަރެއްގައި ހައްދާ މޭވާ އާއި ތަރުކާރީ ހުރެ އެވެ. އެހެންކަމުން އެ ސީޒަންތަކުގައި އެތަރުކާރީ އާއި މޭވާ ގަންނާށެވެ. އަގު ހެޔޮ ވެފައި ތާޒާ ވާނެ އެވެ.

ހަލާކުވާން ކައިރިވެފައިވާ މޭވާ އާއި ތަރުކާރީ ނުގަތުން

ހަލާކުވާން ކައިރިވެފަ ހުންނަ މޭވާ އާއި ތަރުކާރި ގަތުމަކީ މޮޔަ ކަމެކެވެ. ސަބަބަކީ އެއީ އެއްވެސް ތާޒާ ކަމެއް ނެތް އަދި ކޮލިޓީގެ ގޮތުން ވެސް ދަށް އެއްޗަކަށް ވާނެތީ އެވެ. އަދި އޭގެ ހަލާކުވެފައި ހުންނަ ބައި ވަކި ކުރި ނަމަވެސް، އޭގެ އަސަރު މުޅި ތަރުކާރީ އަށް ނުވަތަ މޭވާ އަށް ކޮށްފައި ހުންނާނެތީ އެވެ.