ސާޅީސް އަހަރުގެ މެދުކެނޑުމަކަށް ފަހު، އެމެރިކާ އިން ބޭރު ގައުމުތަކަށް ތެޔޮ އެކްސްޕޯޓު ކުރަން ފަށައިފި އެވެ.

މީގެ 40 އަހަރު ކުރިން، 1975 ވަނަ އަހަރު އެމެރިކާ އިން ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓައިލީ، އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީޒް (އޯޕެކް)ގެ ގައުމުތަކުން އެމެރިކާއާ ދެކޮޅަށް ތެލުގެ ވިޔަފާރި ކުރުން ހުއްޓާލަން ނިންމުމުންނެވެ. އޯޕެކްގެ ނިންމުމާ ގުޅިގެން އެމެރިކާގައި ތެލާއި ގޭހުގެ އަގު ވަގުތުން މައްޗަށް އެރި އެވެ. މިއާ އެކު އެމެރިކާގެ ކޮންގްރެސްއިން ނިންމީ، އެމެރިކާ އިން ވެސް ބޭރުގެ އެއްވެސް ގައުމަކަށް ތެޔޮ އެކްސްޕޯޓު ނުކުރުމަށެވެ.

މި "ބޭން"، އެމެރިކާގެ ކޮންގްރެސް އިން ނިމުމަކަށް މި އަހަރު ގެނައުމާ އެކު، އެމެރިކާ އިން މިހާރު ވަނީ ވިޔަފާރި ފަށައިފަ އެވެ. ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ގައުމުގެ ހައިސިއްޔަތުން އެމެރިކާ އަށް މިހާރު ދުނިޔޭގެ ތެލުގެ މާކެޓުގައި ބޮޑު ރޯލެއް އަދާ ކުރެވޭނެ ކަމަށް ބެލެވެ އެވެ.

އެމެރިކާ އިން ދެކޭ ގޮތުގައި، ދުނިޔޭގެ ތެލުގެ ބާޒާރަށް އެމެރިކާ ވަނުމަކީ، ތެލުގެ ބާޒާރުގައި މިހާރު ހަރަކާތްތެރިވާ ގައުމުތަކަށް ލިބޭނެ ލުޔެކެވެ. ސަބަބަކީ، ދުނިޔޭގެ އެންމެ ބޮޑު ތެޔޮ އެކްސްޕޯޓަރުންނަކީ، ހަމަނުޖެހުން ބޮޑެތި ސަރަހައްދުތަކުގައި ހުރި ގައުމުތަކަކަށް ވުމެވެ.

ތެލުގެ ވިޔަފާރި އަލުން ފެށުމުގެ ހުއްދަ އެމެރިކާގެ ކޮންގްރެސް އިން ދިނުމާ އެކު، ތެޔޮ ބަރުކޮށްގެން އެމެރިކާގެ ބޮޑެތި ބޯޓުތައް ވަނީ ޔޫރަޕުގެ ގައުމުތަކަށް މިހާރު މިސްރާބު ޖަހައިފަ އެވެ.