31 Jan 2016, 11:03
މަޝްހޫރު ޓެކްނޮލޮޖީސް ކުންފުނި "އެޕަލް"އިން، 2003 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާއި ހަމައަށް ވިއްކަމުން ދިޔަ ޕްރޮޑަކްޓްތަކާ އެކު ހުރި ކަރަންޓު ޕްލަގުތައް ނުވަތަ އެޑަޕްޓަރުތަކުގައި މައްސަލަތަކެއް އުޅޭކަން ފާހަގަ ކުރެވިގެން، އެތަކެތި ހިލޭ ބަދަލުކޮށްދޭނެކަން އެޕަލްއިން ހާމަކޮށްފި އެވެ.
އެޕަލްއިން ބުނީ، 2003 އިން 2015 އަށް އެކުންފުނިން ވިއްކި ބައެއް ޕްރޮޑަކްޓްތަކުގައި ދޫކުރެވުނު ކަރަންޓު ޕްލަގުތަކުގެ ތެރެއިން ބައެއް ޕްލަގުތަކުން ކަރަންޓު ޝޮކު ޖެހުން ފަދަ މައްސަލަތަކެއް ދިމާވަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި ޕްލަގުތަކަކީ، ދެ ފައިކަށި ލާފައި ހުންނަ ވޯލް ޕްލަގުތަކެކެވެ. މިތަކެތި ޑިޒައިން ކޮރްފައި ވަނީ ޔޫރަޕާއި، އޮސްޓްރޭލިއާ އާއި، ނިއުޒިލެންޑާއި ކޮރެއާ އަދި ބްރެޒިލްއާއި އާޖެންޓީނާގައި ބޭނުން ކުރުމަށް ކަމަށް އެޕަލްއިން ބުނެ އެވެ.
ބައެއް ހާލަތްތަކުގައި މި އެޑަޕްޓަރުތައް ހަލާކުވެ، އޭގައި އަތްލައިފި ނަމަ ކަރަންޓުގައި ޖެހުމުގެ ބިރު އޮންނާނެ ކަމަށް އެޕަލްއިން ބުނެ އެވެ. އެހެންކަމުން، ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައި، އެތަކެތީގެ ބަދަލުގައި އާ ޑިޒައިނެއްގެ، މުޅިން އާ ވޯލް ޕްލަގުތަކެއް ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށްދިނުމަށް އެޕަލްއިން ވަނީ ނިންމައިފަ އެވެ.
އެޕަލްއިން ބުނީ، ކުރީގެ ޕްލަގުތައް ހިފައިގެން އެޕަލް ސްޓޯރަކަށް ނުވަތަ އޮތޯރައިޒްޑް އެޕަލް ސާވިސް ޕްރޮވައިޑަރަކަށް ގޮސްފި ނަމަ، އޭގެ ބަދަލުގައި އާ ޕްލަގެއް ލިބޭނެ ކަމަށެވެ.