31 Jan 2016, 00:35
ޓީވީ ޗެނަލެއްގެ މާލީ ޚިޔާނާތެއްގެ ބޮޑު މައްސަލައަކާ ގުޅިގެން، ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލަކު ހައްޔަރުކުރުމާ ގުޅިގެން، މަހިންދައަށް ހިތްދަތިކަން ލިބިއްޖެ އެވެ.
މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ޔޯޝިތަ ރާޖަޕަކްސަ އިއްޔެ ހައްޔަރު ކުރީ، ލަންކާގެ ކުޅިވަރު ޓީވީ ޗެނަލެއް ކަމުގައިވާ ކާލްޓަން ސްޕޯޓްސް ނެޓްވޯކުގެ ކޮރަޕްޝަނުގެ މައްސަލައެއްގެ ތަހްޤީޤަށެވެ.
މިކަމާ ގުޅިގެން ރައީސް މަހިންދަ ރާޖަޕަކްސަ ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މަޔަކާއި ބަފައަކަށް އެންމެ ހިތްދަތި ވަގުތަކީ އެމީހެއްގެ ދަރިއެއް ނުރައްކަލުގެ ހާލެއްގައި ހުންނަ ވަގުތު ކަމަށެވެ.
ލަންކާ ފުލުހުންގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަން (އެފްސީއައިޑީ)އިން ބަލަމުން ދިޔަ މައްސަލައަކީ، ސްރީލަންކާ ކުޅޭ ބޮޑެތި ކްރިކެޓު މެޗުތަކުގެ އެކްސްކްލޫސިވް ރައިޓްސް ހަމައެކަނި ކާލްޓަން ސްޕޯޓްސް ނެޓްވޯކަށް ދިން މައްސަލަ އެވެ. ކާލްޓަންއަށް ކްރިކެޓު މެޗުތައް ވަގުތުން ދުރަށް ދެއްކުމުގެ އެކްސްކްލޫސިވް ރައިޓްސް ދެވިފައި ވަނީ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގަ އެވެ.
ރާޖަޕަކްސަގެ ދަރިކަލުން ޔޯޝިތައަކީ ކާލްޓަން ސްޕޯޓްސް ނެޓްވޯކުގެ މަސްއޫލުވެރިއެކެވެ. ޔޯޝިތަގެ އިތުރުން، ރާޖަޕަކްސަގެ ތަރުޖަމާނު ރޮހާން ވެލިވިތައަކީ، ކާލްޓަން ސްޕޯޓްސް ނެޓްވޯކުގެ ޗެއާމަނެވެ. އެފްްސީއައިޑީއިން ތަހްގީގު ކުރި މި މައްސަލައާ ގުޅިގެން ޔޯޝިތަ ރާޖަޕަކްސަގެ އިތުރުން، ރޮހާން ވެލިވިތައާއި ލަންކާ ކްރިކެޓު ބޯޑުގެ ކުރީގެ ސެކްރެޓަރީ އަދި ކާލްޓަން ނެޓްވޯކުގެ ސީއީއޯކަން ވެސް ކުރި ނިޝާންތަ ރަނަތުންގަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު ވަނީ ފެބްރުއަރީ 11 ވަނަ ދުވަހާއި ހަމައަށް ޖަހައިފަ އެވެ.
ރާޖަޕަކްސަގެ ދަރިކަލުން ޔޯޝިތަ މިހާރު ހުރީ ވެލިކަޑަ ޖަލުގައި ބަންދުކޮށްފަ އެވެ.
ޔޯޝިތައަކީ ލަންކާގެ ނޭވީގެ ކުރީގެ ލެފްޓިނެންޓެކެވެ. އޭނާގެ މިލިޓަރީ ތަމްރީނުތައް އިނގިރޭސި ވިލާތުގައި ކުރިޔަށް ގެންދިއުމަށް ކުރީގެ ސަރުކާރުން 150،000 އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ހޭދަ ކޮށްފައިވާ ކަމަށް އަޑު ފެތުރިފައި ވެ އެވެ.