ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރުގެ ވިޔަފާރިއާއި އިމާރާތްކުރުމުގެ ދާއިރާއިން ހިދުމަތްދެމުން އަންނަ ރެއިންބޯ އެންޓަޕްރައިސަސް އިން އެ ކުންފުނީގެ "ރިހިޔޫބީލް" ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

މިރޭ ރެއިންބޯ ލިވިން މޯލްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ގުރުއަތުން ހޮވުނު ނަސީބުވެރި ތިން ފަރާތް ވަނީ އިއުލާން ކޮށްފަ އެވެ.

"ރެއިންބޯ ސިލްވަރ ޖުބްލީ ސޭލް"ގެ ނަމުގައި މިދިޔަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހު 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ އެއްވަނަ ނަސީބުވެރިޔަކަށް ހޮވިފައި ވަނީ، ކޫޕަން ނަމްބަރު 267106 ފަރީދު އެވެ. ފަރީދުއަށް ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް ބޭނުންވާނޭ ހުރިހާ ފަރުނީޗަރެއް ލިބޭނެ އެވެ.

ދެވަނައަށް ހޮވިފައި ވަނީ އަލީ ޒުހައިރު (ކޫޕަން ނަންބަރު: 275657) އެވެ. އޭނާއަށް އިނާމެއްގެ ގޮތުން ލިބިފައިވަނީ ޕީސީއެކްސް ސައިކަލެކެވެ. ތިންވަނައަށް ހޮވުނު މަލްޝާ (ކޫޕަން ނަމްބަރު: 271016) އަށް ލިބިފައިވަނީ ދެ މީހަކަށް ފަސް ދުވަހު މެލޭޝިޔާގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތެކެވެ.

ރެއިންބޯ ބިލްޑްވެއާ، ރެއިންބޯ އޮފީސް ސިސްޓަމް، ރެއިންބޯ ލިވިން މޯލް، ރެއިންބޯ ކިޗަން ސިސްޓަމް، ރެއިންބޯ ޝޮޕް އަދި ރެއިންބޯ ތިނަދޫގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި 500 ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބުނު އިރު، ބޮޑެތި ޑިސްކައުންޓު ތަކުގައި ވަނީ މުދާ ވިއްކާފަ އެވެ.