30 Jan 2016, 21:47
އެމެރިކާގެ ނިއު ޔޯކް ރެޑް ބުލްސްގެ ސެންޓްރަލް ޑިފެންޑަރު މެޓް މައަޒްގާ އިނގިރޭސި ޕްރިމިއަ ލީގު ކްލަބް ޗެލްސީއަށް ސޮއިކޮށްފިއެވެ.
ޗެލްސީގެ ވެބްސައިޓްގައި ބުނެފައިވަނީ، އުމުރުން 20 އަހަރުގެ ސެންޓްރަލް ޑިފެންޑަރު މައަޒްގާ އެޓީމަށް ސޮއިކޮށްފައި ވަނީ، ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
ޗެލްސީއަށް ސޮއިކުރުމަށްފަހު މައަޒްގާ ބުނީ، އޭނާ ގަބޫލުކުރާ ގޮތުގައި އަދިކިރިޔާ ކެރިއަރު މި ފެށުނީ ކަމަށާއި އަދި ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރީންނާ އެކު މަސައްކަތްކުރާން ލިބުމަކީ އޭނާގެ ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްބޯޅަ ދަސްކުރާން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.
"ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ކާމިޔާބު ކުލަބެއް ކަމަށްވާ ޗެލްސީއާ ގުޅުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ދުނިޔޭގެ އެންމެ މަގުބޫލު ލީގު ކަމަށްވާ ޕްރިމިއަ ލީގުގައި ކުޅެން ފުރުސަތުލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކްލަބުގެ ކުޅުންތެރީންނާ ބައްދަލުވުމަށް އަހަރެން މިހިރީ ކެތްމަދުވެފައި،" މައަޒްގާ ބުންޏެވެ.

ނިއު ޔޯކް ރެޑް ބުލްސްގެ ސެންޓްރަލް ޑިފެންޑަރު މެޓް މައަޒްގާ (ވ) ވަނީ 4 އަހަރާ ބައިގެ އެއްބަސްވުމެއްގައި ޗެލްސީއަށް ސޮއިކޮށްފައި -- ފޮޓޯ: ޗެލްސީ
އެމެރިކާގެ ނިއު ޖާޒީއަށް އުފަން މިއަޒްގާ، 2009 ވަނަ އަހަރު ރެޑް ބުލްސް އެކަޑަމީއާ ގުޅުމަށް ފަހު އޭގެ ހަތަރު ހަތަރު އަހަރު ފަހުން އުމުރުން 17 އަހަރުގައި ވަނީ ފުރަތަމަ ފަހަރަށް ޕްރޮފެޝަނަލް ލެވެލްގައި ކްލަބަކަށް ސޮއިކޮށްފައެވެ. ރެޑް ބުލްސްއަށް ސޮއިކުރުމަށްފަހު އޭނާގެ އުމުރުން 18 އަހަރު ފުރުމާއެކު އޭނާ ވަނީ އެ ކްލަބަށް ކުޅެން ފަށައިފައެވެ. އަދި އޭގެ ފަހުން 2015 އަހަރަކީ ރެޑް ބުލްސްއަށް އެންމެ ކާމިޔާބު ސީޒަންގެ ގޮތުގައި ރެކޯޑްކުރެވިފައިވާ އިރު، މައަޒްގާ ވަނީ ސެންޓަބެކަށް ކުޅޭ އެންމެ ވަރުގަދަ ކުޅުންތެރީންގެ ތެރޭގައި ހިމެނި، އެ ކްލަބުގެ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
މައަޒްގާ ވަނީ އެމެރިކާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމާއި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ.

ނިއު ޔޯކް ރެޑް ބުލްސްގެ ސެންޓްރަލް ޑިފެންޑަރު މެޓް މައަޒްގާ. އޭނާ ވަނީ 4 އަހަރާ ބައިގެ އެއްބަސްވުމެއްގައި ޗެލްސީއަށް ސޮއިކޮށްފައި -- ފޮޓޯ: ދަގާޑިއަން
ޗެލްސީގެ ކޯޗު ކަމުން ހޯޒޭ މޮރީނިއޯ ދުރުކުރުމަށްފަހު، އެ ކްލަބްގެ ކުރީގެ ކޯޗް ގޫސް ހިޑިންކް އަލުން ޓީމާ ހަވާލުވުމަށްފަހު، ކްލަބްގެ އެކި ޑިފެންސް ވަރުގަދަކުރުމަށް ވަނީ މަސައްކަތްތަކެއް ފަށައިފައެވެ. އެގޮތުން، އެވަޓަންގެ ޑިފެންޑަރު ޖޯން ސްޓޯންސް ވެސް ޗެލްސީއަށް ގެންނަން މަސައްކަތްތަކެއް ކުރަމުން ދާއިރު، ކްލަބުގެ މިހާރުގެ އެއް ޑިފެންޑަރު ގެރީ ކޭހިލްގެ ކުރިމަގާމެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.
އެހެން ނަމަވެސް ހިޑިންކް މި ހަފްތާގައި ބުނެފައި ވަނީ، ކޭހިލް އެހެން ސްޓެމްފޯޑް ބްރިޖްގައި މަޑުކުރާނޭ ކަމަށާއި އަދި ޗެލްސީގެ ކުރިމަގު ބައްޓަންކުރާން އޭނާ ގެންގުޅޭ ޕްލޭންތަކުގައިވެސް ކޭހިލްގެ ދައުރު ބޮޑުކަމަށެވެ.