ޕޮކާ ޕަވާ ގޯލްޑްގެ ބުއިންތައް ގަނެގެން 50،000 ރުފިޔާގެ ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު، އެ ބްރޭންޑުގެ ބުއިންތައް ރާއްޖެ އަށް އެތެރެ ކުރާ ފޯސީން ކުންފުނިން ހުޅުވާލައިފި އެވެ.

ފޯސީން ކުންފުނިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ޕްރޮމޯޝަންގައި ޕޮކާ ޕަވާ ގޯލްޑް އެނާޖީ ޑްރިކްގެ 250 އެމްއެލް ދަޅު ގަންނަ ކޮންމެ މީހަކަށް އަދި ކޮންމެ ދަޅަކަށް ހާއްސަ ޓޯކަން އެއް ދޫކުރާނެ ކަމަށެވެ. އަދި ޕަވާ ގޯލްޑް ވިއްކާ ހުރިހާ ފިހާރައަކުން ވެސް ކޫޕަން ލިބެން ހުންނާނެ ކަމަށް އެ ކުންފުނީގެ އޮފިޝަލު މިރޭ ސަން އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު އާޓިފިޝަލް ބީޗުގައި ފެއްޓި ޕްރޮމޯޝަންގެ ފުރަމަތަމަ ގުރު ނަގާނީ އަންނަ އެޕްރީލު މަހުގެ ތެރޭގައި ކަމަށާއި ފުރަތަމަ ނަސީބުވެރިޔަކަށް 50،000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދެ ވަނަ ނަސީބުވެރިއަކަށް ހަތަރު ދުވަހުގެ އެކޮމަޑޭޝަނާ އެކު ދެ އެއާޓިކެޓް ސްރީލަންކާ އަށް ދިއުމަށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ނެރުނު ބަޔާނުގައި ބުންޏެވެ. ހަމަ އެހެންމެ އިތުރަށް ހޮވާ 20 ނަސީބުވެރިއަކަށް، ކޮންމެ މީހަކަށް 1000 ރުފިޔާގެ ފައިސާގެ ކޯޕަނެއް ލިބޭނެ ކަމަށް ވެސް ބުންޏެވެ.

އެ އޮފިޝަލް ވިދާޅުވީ މުޅި އަހަރު ދުވަސް ތެރޭގައި ވެސް ޕޮއްޕާގެ އިތުރު ޕްރޮމޯޝަންތައް ހިންގާނެ ކަމަށާއި އަދި ފަހުން ވެސް އިތުރު އިނާމުތައް ހުށަހަޅާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ޓޯކަންކޮޅު ބޭނުންކޮށްގެން، އެ ކުންފުނިން މި އަހަރު ހިންގަން ހަމަޖެހިފައިވާ ހުރިހާ ޕްރޮމޯޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެ ޕްރޮމޯޝަނާ ބެހޭ ގޮތުން އާންމުންނަށް މައުލޫމާތުދީ، ޕަވާ ގޯލްޑާއި ޕޮކާ ބްރޭންޑުގެ އެހެން ބުއިންތައް ރަހަބަލައިލުމުގު ފުރުސަތު މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި އޮތެވެ. އަދި އެ ޕްރޮމޯޝަނުގައި ކުޑަކުދިންނާއި މާބަނޑު މީހުންނަށް ޕޮއްކާ ބްރޭންޑްގެ މިލްކް ހިލޭ ރަހަ ބެލުމުގެ އިތުރަށް ބުއިމުގެ ފުރުސަތު ވެސް އޮތީ ހުޅުވާލައިފަ އެވެ. އަދި މިރޭ ވެސް 10:00 ޖަހަންދެން ލައިވް މިއުޒިކާ އެކު އެ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް ސަން އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވި އެވެ.