ތިނަދޫން: އަހުމަދު ސާއިލް އަލީ

ކުރީ ޒަމާނުގެ ގޯއްޗެކެވެ. ގޭ ވަލުދޮރާށިން ގެއަށް ވަންނައިރު ގޭ އަސްކަނި ކައިރި ކުޑަ ފާރުކޮޅެއް ރާނާލާފައި އެވަނީ ބިމުން މައްޗަށް ފޫޓެއްހާ އުސްމިނުގައި ޖަހާފައިވާ ދަގަނޑެއްގެ ހިމާޔަތަށެވެ. އެ ދަގަނޑަކީ "ލޯޑް އޮފް މޮރަސްބީ" ނުވަތަ "ލާޓް" ދަގަނޑެވެ. ގާތްގަނޑަކަށް 160 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އެ ދަގަނޑާއި ގުޅޭ ގޮތުން އެތައް ވާހަކައެއް ދެކެވޭ އިރު އެ ދަގަނޑު ބިނާއަކަށް ހެދުމުގެ ތައްޔާރީތައް އެވަނީ ފެށިފަ އެވެ.

ޑރ. ރޮބަޓް މޮރެސްބީ ކިޔާ މީހަކު ދުނިޔޭގެ ޗާޓް ކުރެހި އިރު ގދ. ތިނަދޫގައި ޖަހާފައިވާ ދަގަނޑާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ގިނަ އެވެ. އެއީ ދުނިޔޭގެ މެދު ފާހަގަކުރުމަށް ޖަހާފައިވާ ދަގަނޑެއް ކަމަށް އެއް ބަޔަކު ބުނާ އިރު އަނެއް ބަޔަކު ބުނާ ގޮތުގައި އެ ދަނގަޑަކީ ޗާޓު ކުރެހުމުގެ ތެރެއިން ވަކި މިނެއް ފާހަގަ ކުރުމަށް ޖެހި ދަގަނޑެކެވެ.

ލާޓުގޭ ވެރިޔާ ނިޒާރުއާއި ސަންގެ ނޫސްވެރިޔާ ސާއިލް ލާޓު ދަގަނޑު ކައިރި ފޮޓޯއަކަށް ހުއްޓިގެން-- ސަން ފޮޓޯ ފަޔާޒު މޫސާ

"ދުނިޔެ މެދު ފާހަގަ ކުރަން ކަމަށް ވަނީ މިދަގަނޑު ޖަހަން ޖެހުނީ. އޭރު ދުނިޔެ މެދުކަން މިފާހަގަ ކުރެވުނީ. އޭރު ޕޮއިންޓް ދެއްކީ މިޕޮއިންޓް ކަމަށް" ލާޓު ދަގަނޑު ހުންނަ ލާޓުގޭ ވެރިޔާ މުހައްމަދު ނިޒާރު،62، ބުންޏެވެ. އެ ދަގަނޑު އެގޭގައި އިންކަން އެނގުނީ ތިނަދު އަށް ދެވަނަ ފަހަރަށް މީހުން އާބާދުކުރި ދުވަސްވަރު އެވެ.

އެތައް ބައެއްގެ ޝައުގުވެރިކަން ހޯދާފައިވާ އަދި ތިނަދޫ ތާރީހުގެ ތެރެއަށް ގެންގޮސްދޭ އެ ދަގަނޑަށް އަމާޒު ކުރެވިގެން މިހާތަނަށް ހާއްސަ ކަމެއް ކޮށްފައެއްނުވެ އެވެ. އެތާރީހީ ދަގަނޑު އެގޭތެރޭ އިންނަނީ ކުޑަ ފާރުބުރިއެއްގެ ހިމާޔަތުގަ އެވެ. އެއީ މިއަދާއި ހަމައަށް ވެސް އެ ދަގަނޑަށް ދެވިފައިވާ އަޅާލުމެވެ. ނަމަވެސް އެކަމަށް ބަދަލުގެންނަން އެގޭގެ ވެރިޔާ މިހާރު ވަނީ ނިންމައިފަ އެވެ.

ނިޒާރު ބުނި ގޮތުގައި އެދަގަނޑު ބެލުމަށް އެތައް ބަޔަކު އަންނައިރު ކުރިއަށް އޮތްތަނުގައި އެތަނަކީ ހާއްސަ ތަނެއްގެ ގޮތަށް ބިނާއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށި މިއަހަރު ނިމޭއިރު އެ ދަގަނޑު ޖަހާފައި ހުންނަ ސަރަހައްދުގައި ބިނާއެއް ތައްޔާރުކުރެވިގެންދާނެ ކަމަށް ނިޒާރު ބުންޏެވެ.

ނިޒާރު ސަން އަށް އިންޓަވިއޫ ދެނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

ނިޒާރާއި އޭނާގެ އާއިލާގެ ވިސްނުމަކީ އެ ދަގަނޑު އިންނަ ސަރަހައްދުގައި ޒަމާނީ ބިނާއެއް ތައްޔާރު ކުރުމެވެ. އެގޮތުން އެސަރަހައްދު 10 ވަރަކަށް ފޫޓަށް ކޮނެ ސިޑިން ތިރިއަށް ފައިބައިގެން ގޮސް ދަގަނޑު ބެލޭ ގޮތަށް ބިނާއެއް ހެދުމަކީ އޭނާގެ އަމާޒެވެ.

"ތިރިއަށްގޮސް ބަލާލަން ޖެހޭނީ އޭރުން، މިހާރު މިބަލާހެން މަތީގައި ހުރެ ނުބެލޭނެ." ނިޒާރު ބުންޏެވެ.

މިއަހަރުގެ ނިޔަލަށް އެބިނާ ހެދުމަށް ފަހު އެ ދަގަނޑު ބެލުމަށް އާންމުންނަށް ހުޅުވާލެވޭނެ ކަމަށާއި އެއާ އެކު އެ ދަގަނޑު ބެލުމަށް އަންނަ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަށް ނިންމާފައިވާ ކަމަށް ނިޒާރު ބުންޏެވެ. ނަމަވެސް ނަގާނީ ކިހާއަދަދެއް ކަމެއް އަދި ނިޒާރު ނުނިންމަ އެވެ.

ކޮންމެ އަކަސް އެތާރީހީ ދަގަނޑު ވެފައި ވަނީ އެތައް ބަޔަކު އެސަރަހައްދަށް ޒިޔާރަތްކޮށްލަން ބޭނުންވާ އެއްޗަކަށެވެ. އެ ދަގަނޑާ އެކު ފޮޓޯ ނެގުމަކީ ދިވެހިންނާއި ފަތުރުވެރިންނަށް ވެސް ލިބޭ އުފަލެކެވެ. ތިނަދޫއަށް ދާ ގިނަ މީހުންގެ ސަމާލުކަން އެ ދަގަނޑަށް ހުރެ އެވެ.

"ރަށުގެ މީހުން އެހާ ޝައުގުވެރިކަން ނުހުރޭ، އެއީ ރަށު މީހުންނަށް ވަރަށް އާންމު އެއްޗަކަށް ވާނެތާދޯ، ގެސްޓުންނާއި ވަރަށް ގިނަ މީހުން އާދޭ، އެހެން ރަށްރަށުގެ މީހުން." ނިޒާރުން ބުންޏެވެ.

ލާޓު ދަގަނޑު-- ސަން ފޮޓޯ: ފަޔާޒު މޫސާ

ތިނަދޫގެ ތާރީހީ ކަންކަން ދަންނަ އުމުރުން 69 އަހަރުގެ އަބްދުﷲ އަފީފް ވިދާޅުވި ގޮތުގައި އެ ދަނގަޑަކީ މޮރެސްބީ ޗާޓް ކުރެހި އިރު މިނެއް ފާހަގަ ކުރަން ޖަހާފައި ހުރި ދަގަނޑެކެވެ. އެއީ ދުނިޔޭގެ މެދު ފާހަގަކުރަން ޖަހާފައިވާ ދަގަނޑެއް ނޫން ކަމަށާއި އެއީ އީކުއެޓަރުގެ ހިސާބެއް ފާހަގަ ކުރަން ޖަހާފައި އިން ދަގަނޑެއް ކަމަށް އަފީފް ވިދާޅުވި އެވެ.

"އެއާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަދެކެވިފައި ހުރޭ، އެއީ އެތަން ތޮރުފަންވެގެން ޖެހި ބުރުމާ ކައްޓެއް ކަމަށް ވެސް ބުނޭ، ނަގަން އުޅެނިކޮށް އޭތި ބިންދައިގެން ދިޔައްޔޭ ދިޔައީމަ ބެއިންދިއްޔޯ ނުނެގި." އަފީފް ވިދާޅުވި އެވެ.

ހަމައެކަނި ބަހުސް ކުރެވެނީ އެދަގަނޑާއި ގުޅޭ ގޮތުން އެކަންޏެއް ނޫނެވެ. އެދަގަނޑަށް ނަން ދެވިފައިވާ ގޮތާ މެދު ވެސް ބަހުސް ކުރެވެ އެވެ. އެއް ބަޔަކު ބުނާގޮތުން އެ ދަގަނޑަށް ލާޓް ދަގަނޑު ކިޔަނީ އެ ދަގަނޑު ޖެހި މޮރެސްބީ އަށް ދިވެހިން ކިޔާ ނަމަކީ ލާޓް ކަމަށްވާތީ އެވެ. އަނެއް ބަޔަކު ބުނާ ގޮތުން އެ ދަގަނޑަށް ލާޓު ދަގަނޑު ކިޔާފައިވަނީ "ލޯޑް އޮފް މޮރެސްބީ" ކިޔުމުގެ ތެރެއިން ކިޔުނު ގޮތަކަށް ކަމަށެވެ.

ކޮންމެ އަކަސް ތާރީހުގެ ތެރެއިން ޖާގަ ލިބިފައިވާ އަދި މިހާތަނަށް މާބޮޑު ހިމާޔަތެއް ދެވިފައިނުވާ ލާޓު ދަގަނޑަށް މިވަނީ އިތުރު ސަމާލުކަމެއް އައިސްފަ އެވެ. ލާޓު ދަގަނޑު ހުންނަ ލާޓިގޭ ވެރިން އެވަނީ އެސަރަހައްގުގައި ބިނާއެއް ހަދަން ނިންމާފަ އެވެ. މިއީ މިހާރަށް ވުރެ ފުރިހަމަކޮށް ލާޓް ދަގަނޑު ބަލާލަން ލިބޭ ފުރުސަތެކެވެ.