ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ހުށަހަޅަން އެޖެންޑާކޮށްފައި ހުރި ބިލްތައް ހުށަހަޅުއްވާ މެންބަރުން ރަށުގައި ނޫޅުއްވާތީ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކުރާނެ މައްސަލައެއް ނެތިގެން ޖަލްސާ ކެންސަލްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލެއްވި އިރު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ވިދާޅުވީ "މާދަމާ އެޖެންޑާކުރާނެ މައްސަލައެއް ނެތް" ކަމަށާއި މާދަމާގެ ޖަލްސާ ކެންސަލްކޮށްފައިވާ ކަމަށެވެ.

މާދަމާގެ ޖަލްސާ ކެންސަލް ކުރުމުން ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ ފަސް ދުވަސް ފަހުން، އަންނަ އަފުތާގެ ހޯމަ ދުވަހު އެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާ ކެންސަލް ކުރުމާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު، ހަތް ދުވަސް ފަހުން މަޖިލީހުގައި އެ ބިލެއް ހުށަހަޅާ އިރު، ބިލް ހުށަހަޅާ މެންބަރު ރަށުގައި ހުންނަވަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބުނާ ކަމަށެވެ. އަދި ރަސްމީ ދަތުރު ފުޅުތަކުގައި މެންބަރުން ރަށުން ބޭރުގައި އުޅުއްވާތީ އާއި ބައެއް މެންބަރުން ޗުއްޓީގައި ތިއްބެވުމުން އިބްތިދާޢީ ބަހުސާއި ވަޒީރުންނާ ކުރާނެ ސުވާލު އެޖެންޑާ ކުރެވެން ނެތީ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އައިޕީޔޫގެ ކޮންފަރެންސަށް ވެސް މެންބަރުން ރާއްޖެ އިން ބޭރުގައި އުޅުއްވަނީ. އަދި ޗުއްޓީގައި ތިއްބެވި މެންބަރުން ވެސް އެބަތިއްބެވި. އެހެންވީމަ އެކަހަލަ ސަބަބުތަކާ ހެދި، އިބްތިދާއީ ބަހުސާއި ސުވާލާ މިކަލަ ކަންތައް އެޖެންޑާ ކުރެވެންނެތީ،" ނާޒިމް ވިދާޅުވި އެވެ.

މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައި ހުރި މައްސަލަތައް ކެންސަލް ކުރަން ޖެހުނީ ކޮން މެންބަރުންތަކެއް ރަށުގައި ނޫޅުއްވާތީ ކަމެއް ނާޒިމު ވިދާޅެއް ނުވި އެވެ.

މާދަމާގެ ޖަލްސާ ކެންސަލް ކުރި ނަމަވެސް، މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ކޮންމެ ހަފްތާއެއްގެ ތިން ދުވަހު (ހޯމަ، އަންގާރަ، ބުދަ) މަޖިލީހުގެ ޖަލްސާތައް ބާއްވާއިރު، މި ހަފްތާގައި ދެ ޖަލްސާ ބޭއްވުމަށް ފަހު، މާދަމާގެ ޖަލްސާ ކެންސަލް ކުރުމުން، މި މަސް ނިމި، މަޖިލީސް ޗުއްޓީ އަށް ދިއުމުގެ ކުރިން ބޭއްވޭނީ ތިން ޖަލްސާ އެވެ.

އިތުރު ނިންމުމެއް ނުނިންމައިފި ނަމަ މަޖިލީސް ޗުއްޓީ އަށް ދާނީ އަންނަ މަހު އެއްވަނަ ދުވަހުން ފެށިގެންނެވެ.
މަޖިލީސް ޗުއްޓީ އަށް ދިއުމުގެ ކުރިން މުހިންމު ބިލްތައް ނިންމާފައި މަޖިލިސް ޗުއްޓީއަށް ދިއުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ ގަރާރު އަދި އެޖެންޑާކޮށްފައެއް ނުވެ އެވެ.