30 Jan 2016, 19:18
ރ. މަޑުއްވަރީ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ފަސްމަންދޫގައި އަލިފާން ރޯވެ އެ ރަށުގެ ބޮޑުބައެއް އަނދައިފި އެވެ.
މަޑުއްވަރީ ކައުންސިލްގެ ރައީސް ހަސަން އަބްދުއްރަހީމް ސަން އަށް ވިދާޅުވީ، ފަސްމަންދޫގައި ރޯވި އަލިފާންގަނޑު، މަޑުއްވަރީ ކައުންސިލާއި ރައްޔިތުންގެ މަސައްކަތުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އެހެނެނަމަވެސް އެ ހާދިސާގައި އެރަށުގެ ތިންބައިކުޅަ އެއްބައި އަނދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްއެންޑީއެފްގެ ލަފާގެމަތިން މަޑުއްވަރީ ކައުންސިލާއި ރައްޔިތުން ގުޅިގެން މިހާރު މިވަނީ އަލިފާންގަޑު ކޮންޓްރޯލް ކުރެވިފައި. އެރަށުގައި އަލިފާން ރޯވިތާ ދޮޅުގަޑިއެއްއާ އިރު ފަހުން، މިރޭ 8:00 ކަންހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ،" މަޑުއްވަރީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރ.ފަސްމަންދޫގައި ރޯވެ އަނދަނީ-- ސަން ފޮޓޯ: ކައުންސިލް
މަޑުއްވަރީގައި މިވަގުތު ހުރި ސަންގެ ނޫސްވެރިޔާ ފާތުމަދު ސައީދު ވެސް ބުނީ މިއަދު ހަވީރު 6:30 ކަންހާއިރު ހިނގި އަލިފާނުގެ އެ ހާދިސާގައި ފަސްމަންދޫގެ ބޮޑުބައެއް އަނދާފައިވާ ކަމަށެވެ.
ފަސްމަންދޫ އަކީ ރިސޯޓު ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށެއް ކަމަށް މައުލޫމާތު ލިބެ އެވެ.