ގދ. ތިނަދޫއިން ކަރަންޓް ކެނޑިފައި އޮތް ދުވަސްތަކުގައި އެރަށު ރައްޔިތުން ދައްކައިދީފައި ވަނީ ކެތްތެރިކަމުގެ ނަމޫނާއެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ތިނަދޫގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަރީފު ވިދާޅުވީ، އެރަށު ރައްޔިތުން ދައްކައިދިނީ ސަރުކާރަށް އެއްބާރުލުން ދިނުމުގެ ވެސް ނަމޫނާއެއް ކަމަށެވެ.

"... މިކަމުގައި ތިނަދޫގެ ލޮބުވެތި ރައްޔިތުން މިދެއްކެވީ އަޅުގަނޑު ދަންނަވާނީ ކެތްތެރިކަމާ އަދި ސަރުކާރަށް އެއްބާރުލުމުގައި ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ރީތި ނަމޫނާއަކަށް، ވަރަށް ރަނގަޅު މިސާލެކޭ،" އާދަމް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއީ ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރަކަށް ވިޔަސް ތިނަދޫއިން ކަރަންޓް ކެނޑުމުގެ ސަބަބުން ދިވެހި ދައުލަތަށާއި ސަރުކާރަށް އެއްވެސް ކަހަލަ ބަދުނާމެއް ނުލިބޭނެ ގޮތަކަށް އެރަށު ރައްޔިތުންގެ އަމަލުތައް ބެހެއްޓެވި ކަމީ ބައިނަލް އަގުވާމީ ދުނިޔޭގައި ވެސް ރީތި ނަން ލިބޭނެ ކަމެއް ކަމަށެވެ.

ތިނަދޫ ރައްޔިތުންގެ ކެތްތެރިކަމަށް ޓަކައި މިނިސްޓަރު އެރަށު ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ތިނަދޫއިން ކަރަންޓް ކެނޑުމުން ކުރަން ޖެހުނު މަސައްކަތްތައް ކުރުމަށް ކަމާ ބެހޭ މުއައްސާސަތަކުން ކޮށްފައިވާ މަސައްކަތްތަކަށް ވެސް އޭނާ ތައުރީފުކުރެއްވިއެވެ.

"...މިކަމުގައި ހަރަކާތްތެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުން މަސައްކަތްކުރައްވާފައި އެވަނީ ހަމަ އެއްވެސް ވަރުބަލިފުޅުވުމެއް ނެތި، ގާތްގަނޑަކަށް 24 ގަޑި އިރު އެއްވެސް އަރާމުކުރެއްވުމެއް ނެތި. އަދި އޭގެ ސަބަބުން ބައެއް ބޭފުޅުންނަށް ސިއްހީ ބައެއް މައްސަލަތައް ކުރިމަތިވެގެން ދިޔަ އިރުވެސް ރައްޔިތުންނަށް ޓަކައި މިކަމުގައި ހަމަ ދެއްވަން ޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވައިގެން ވަރަށް ބޮޑު ޤުރުބާނީއެއް ވެވަޑައިގެންނެވީ،" ޝަރީފު ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާއެކު ކަރަންޓު ކެނޑިފައިވާ ގދ. ތިނަދޫއަށް ފަސް ދުވަސް ފަހުން ދާދި ދެންމެ ވަނީ ކަރަންޓް ދީފައެވެ.

މިއަދު 18:00 ކަންހާއިރު ކަރަންޓު ދިނުން އިފްތިތާހު ކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެވެ.

މުޅި ތިނަދޫއިން ކަރަންޓު ކެނޑިފައިވަނީ އެރަށު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މުޅި އެއިންޖީނުގޭ އެނދުމުންނެވެ. އެހާދިސާގައި 22 މިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފައެވެ.

ތިނަދޫއަށް މިއަދު ކަރަންޓު ދީފައިވަނީ އިއްޔެ އެރަށަށް ގެނައި އެއް މެގަވޯޓުގެ ދެ ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ.

ތިނަދޫއިން ކަރަންޓު ކެނޑުމާއެކު އާންމު ރައްޔިތުން ވަނީ ވަރަށް ހާލުގައިޖެހިފައެވެ. އެގޮތުން ރޭގަނޑު ނިދުމާއި ފެންވަރައި ހެދުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިވެފައެވެ.