30 Jan 2016, 18:29
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)ގެ ކަނޑުގެ ފްލީޓަށް އިތުރު ބާޖަކާއި ޓަގްބޯޓެއް ތައާރަފްކޮށް އެ ކުންފުނީގެ ހިދުމަތް ސަރަހައްދީ ފެންވަރުގައި ވަރުގަދަކޮށްފިއެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެ ކުންފުންޏަށް އަލަށް ގެނައި ބާޖަކާއި ޓަގްބޯޓާއެކު މިހާރު އެމްޓީސީސީން ބައިނަލްއަގްވާމީ އޮޕަރޭޝަން ތަކުގައި ބޭނުންކުރާ 4 ޓަގްބޯޓާއި 4 ބާޖު އޮންނާނެއެވެ.
ކަނޑުތޮށި ލުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް އެމްޓީސީސީން ބޭނުންކުރާ އުޅަނދުތަކުގެ ތެރެއަށް އަލަށް ގެނައި ދެ އުޅަނދާއެކު އެ ފްލީޓް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، މިއަދު ހަވީރު ތިލަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާއި އެމްޓީސީސީގެ ސީއީއޯ އިބުރާހީމް ޢަބުދުއް ރައްޒާޤު ޙަލީމެވެ.

އެމްޓީސީސީއަށް އަލަށް ގެނައި ޓަގްބޯޓާއި ބާޖް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، ބާޖްތަކުގެ ކެޕްޓަނުންނަށް ފަރިވަޅު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: އެމްޓީސީސީ
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޢަބުދުއް ރައްޒާޤު ޙަލީމް ވިދާޅުވީ، އެކުންފުންޏަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ރާއްޖޭން ބޭރުން ހިލައާއި ހިލަވެލި ގެނައުމަށް ޓަގާއި ބާޖް މަދުވުން ކަމަށާއި އަލަށް ގެނެވުނު އުޅަނދުތަކާއެކު އެމްޓީސީސީން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތައް އެތަށް ގުނައެއް ހަލުއިވެގެން ދާނެ ކަމަށެވެ.
"މިހާރު 4 ބާޖާއި 4 ޓަގް އިފްތިތާހު މިކުރެވުނީ. ކުރިއަށް އޮތްތަނުގައި މަޝްރޫއުތައް އިތުރަށް އަވަސްވާނެ. ނަތީޖާއެއްގެ ގޮތުން ޕްރޮޖެކްޓްތައް އަވަހަށް ނިންމާލެވޭނެ، ރައްޔިތުންނަށް އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ،" ހަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހަލުވިކަމާއެކު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް، މިފަދަ އުޅަނދުތަކުގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށާއި ނަމަވެސް، "ފާއިތުވި އަހަރުތަކުގައި މިބައި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި، އެކަށީގެންވާ ވަރަށް އިސްވެސްޓް ކުރެވިފައި ނެތް" ކަމަށެވެ.

އެމްޓީސީސީއަށް އަލަށް ގެނައި ޓަގްބޯޓާއި ބާޖް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ ޢަބުދުއް ރައްޒާޤު ޙަލީމް، ބާޖްތަކުގެ ކެޕްޓަނުންނަށް ފަރިވަޅު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: އެމްޓީސީސީ
"މިހާރު ސަރަހައްދަށް ބަލާއިރުވެސް މިފަދަ އެންމެ ފުރިހަމަ ފްލީޓެއް އޮންނާނީ އެމްޓީސީސީގައި. ސަރަހައްދީ މިފަދަ ފްލީޓްތަކަށް ބަލާއިރުވެސް މި ފްލީޓް އާވެފައި މާ ފުރިހަމަ ވާނެ،" ހަލީމް ވިދާޅުވިއެވެ.
މިއަދުގެ ހަފްލާގައި އެމްޓީސީސީގެ ޓަގްބޯޓާއި ބާޖް ފްލީޓުގެ ކެޕްޓަނުންނަށް ހާއްސަ ފަރިވަޅެއް ހަވާލުކޮށްދިނުންވެސް އޮތެވެ. އެ ފަރިވަޅުތައް ކެޕްޓަނުނާ ހަވާލުކޮށްދެއްވީ، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާއި ސީއީސޯ ހަލީމެވެ.
އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށް ގެންދާ، ކަނޑުތޮށިލުމާއި ފަޅުފުންކޮށް ބަނދަރު ހެދުމުގެ މަޝްރޫއުތަކުގައި 8 ޑޮމެސްޓިކް ބާޖާއި 2 ޓަގްބޯޓާއި 1 ލޭންޑިން ކްރާފްޓް ބޭނުންކުރެއެވެ.