އަލަށް ނެރުނު ދިވެހި ރުފިޔާގެ ވަގު ނޫޓު މިހާރު ލިބިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ގަވަރުނަރު ވިދާޅުވީ، މަރުކަޒީ ބޭންކަށް މިއަދު ލިބިފައިވާ އެ ވަގު ނޫޓަކީ ކާނިވާ ސަރަހައްދުގައި ހުންނަ ކެފޭ އަކުން ފެނުނު ނޫޓެއް ކަމަށާއި، އިތުރު ވަގު ނޫޓެއް އަދި ފެނިފައި ނުވާ ކަމަށެވެ.

އެ ކެފޭ އިން ފެނިފައިވަނީ 500 ރުފިޔާގެ ނޫޓެކެވެ. އެމްއެމްއޭއިން ބުނީ އެނޫޓަކީ 10 ރުފިޔާގެ ނޫޓެއްގެ ކުލަ ދުއްވާލުމަށްފަހު އޭގެ މައްޗަށް 500 ރުފިޔާގެ ޑެސްކްޓޮޕް ޕްރިންޓެއް ނަގާފައިވާ ނޫޓެއް ކަމަށެވެ. އެމްއެމްއޭއަށް ލިބިފައިވާ ވަގު ނޫޓުގައި އައު ދިވެހި ފަސް ސަތޭކަ ރުފިޔާގައި ހުރި ސަލާމަތީ ފިޔަވަޅުތައް ނެތް ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ. ނަމަވެސް އިތުރު ނޫޓުތަކެއް އުޅުން އެކަށީގެންވާ ކަމަށް ވެސް އެމްއެމްއޭއިން ބުނެ އެވެ.

ސަލާމަތީ ފީޗާސްތަކުގެ ތަފްސީލު

ކްލިއާ ވިންޑޯ:މީގެ ކޮންމެ ނޫޓެއްގެ ތެރޭގައި އެއް ފަރާތުން އަނެއް ފަރާތް ފެންނަގޮތަށް ޕްލާސްޓިކް ކްލިއާ ވިންޑޯއެއް ވަނީ ހިމަނާފަ.

ހިޑެން ނަންބާސް:ކްލިއާ ވިންޑޯގެ ތެރެއިން ފެންމަރުކާއެއްގެ ސިފައިގައި ނޫޓުގެ މޫނުމަތީ އަގު ކޮންމެ ނޫޓަކުން ފެންނަހެން ހުރޭ.

މާސްކްޑް ލެޓާ:ނޫޓުގެ އައްޔަށް ދިއްކުރުމުން ކްލިއާ ވިންޑޯގެ މަތީގައިވާ ޑިޒައިނުން MMA ފެންމަރުކާއެއްގެ ސިފައިގައި ފެންނަން ހުރޭ.

އިރިޑިސެންޓް ޕެޓާން:ނޫޓު ދެފަރާތަށް އަރިކުރުމުން މުޅި ނޫޓުގެ މޫނުމަތިން ވިދާ ޑިޒައިނެއް ފެނޭ.

ސްޕާކް އިންކް:މިނޫޓުތަކުގެ ތެރެއިން 100 ރުފިޔާއާއި 500 ރުފިޔާއާއި 1000 ރުފިޔާގެ ނޫޓުތަކުގެ ޑިޒައިންގެ ބައެއް ވިދުމެއް އެކުލެވޭ ދެއްޔަކުން ފެންނަން ހުރޭ. އަދި ނޫޓު ދެފަރާތަށް އަރިކުރުމުން މިބައިގެ ކުލަ ބަދަލުވުމުގެ އިތުރުން މިބައިގައި ފެންނަން ހުންނަ ވައްބުރު އެކި ދިމަދިމާލަށް ބަދަލުވޭ.

ޓެކްސްޓައިލް ޑޮޓްސް:ލޮލަށް ފެނުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ނޫޓުގެ މޫނުމަތީ އަގު ދެނެގަތުމަށް ނޫޓުގައި އަތްލުމުން އުފުލިފައި ހުންނަ ގޮތް އިހްސާސްވާގޮތަށް އެކި ނޫޓުގައި އެކި ޑިޒައިން ހިމަނާފައިވޭ.

ނަމަވެސް މިހާރު ފެނިފައިވާ ވަގު ނޫޓަކީ 10 ރުފިޔާގެ ކުލަ ދުއްވާލައިގެން ހަދާފައިވާ ނޫޓަކަށް ވާއިރު، 500 ރުފިޔާގެ ނޫޓުގެ ކުލަ އާ ވަގު ނޫޓުގެ ކުލަ ތަފާތު އިރު، ނޫޓުގައި އަތް ލުމުން ހުންނަ އަޅައިގަތުމުގެ އިހުސާސްވެސް ނުކުރެވެ އެވެ.

އޭގެ އިތުރުން އައު ދިވެހި ފައިސާގައި، ނޫޓުގެ ދެ ފުށް ފެންނަ ގޮތަށް ހިމަނާފައިވާ ކްލިއަރ ވިންޑޯ ގައި ވަނީ 10 ރުފިޔާގެ ނޫޓުގައި ހިމަނާފައިވާ ބޮޑުބެރުގެ ޑިޒައިން އެވެ. އަދި ނޫޓުގެ ވިންޑޯގެ ތެރެއިންވެސް ފެންނަނީ 10 އެކެވެ.

ހަމައެއާއެކު، ފެނިފައިވަނީ 500 ރުފިޔާގެ ވަގު ނޫޓެއް ކަމަށް ވީނަމަވެސް، ލޮލަށް ފެނުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން 10 ރުފިޔާގައި ޓެކްޓައިލް ޑޮޓްސްގެ ގޮތުގައި ހިމަނާފައިވާ ތިނެސްކަން ޑިޒައިނަށްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.

އަދި 500 ރުފިޔާގެ ނޫޓުގައި ވިދާ ދެއްޔަކުން ޕްރިންޓްކޮށްފައިވާ ޑިޒައިންގެ ބައި ވަނީ ވިދާ ދެލިން ކަމުގައި ނުވާއިރު އެ ޑިޒައިންގެ ތެރެއިން ހަރަކާތްކުރާ ގޮތަށް ހިމަނާފައިވާ ވައްބުރު ވެސް ފެންނާކަށް ނެތެވެ. އޭގެ އިތުރުން ޔޫވީ ލައިޓް އިން ފެންނަ އެއްވެސް ސިފައެއް ވަގު ނޫޓުގައި ހިމަނާފަ އެއް ނުވެ އެވެ.

ޔޫވީ ލައިޓް ބޭނުންކޮށްގެން ދެނެގަނެވޭނެ ސިފަތައް:

  • ނޫޓުގެ މޫނުމަތިން ކަނާތް ފަރާތުން މަތީގައި ހިމަނާފައިވާ ސީރިއަލް ނަމްބަރު ދިއްލޭ.

  • ނޫޓުގެ މޫނުމަތިން ޑިޒައިނުގެ ބައެއް ދެ ކުލައަކުން ދިއްލޭ.
  • ނޫޓުގެ މޫނުމަތިން ގޮޅިއެއްގެ ތެރޭގައި ނޫޓުގެ މޫނުމަތީ އަގު ދިއްލޭ.
  • ނޫޓުގެ ފަހަތުގައި ކަނާތް ފަރާތުން ތިރީގައި މަތިން ތިރިއަށް ހިމަނާފައިވާ މޫނުމަތީ އަގު ދިއްލޭ.

ވަގު ނޫޓު ދިވެހި ރުފިޔާގެ އަސްލާ ވައްތަރު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރަމުން އެސިސްޓަންޓް ގަވަރުނަރު ވިދާޅުވީ، ދިވެހި ރުފިޔާގެ އާ ނޫޓުތަކުގެ ވަގު ނޫޓު އެ ފެންވަރުގައި ހެދުމަަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އަދި އާދައިގެ ކެމިކަލް އަކުން ކުލަވެސް ކަހާ ނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސިސްޓަންޓް ގަވަރުނަރު ވިދާޅުވީ، އޭޓީއެމް ތަކުން ނޫޓު ބަލައިގަންނާނީ ސެކިއުރިޓީ ހުރިހާ ފީޗާއަކަށް ބެލުމަށް ފަހުގައި ކަމަށް ވުމުން، އޭޓީއެމް އަކަށް ވަގު ނޫޓު ޖަމާނުކުރެވޭނެ ކަމަށެވެ.