30 Jan 2016, 18:59
އެމްޓީސީސީ އިން ހިންގާ މަޝްރޫއުތަކުގެ ތެރެއިން 2.2 ބިލިއަން ރުފިޔާގެ މަޝްރޫއުތަކަކީ ހައުސިންގު މިނިސްޓްރީގެ މަޝްރޫއުތައް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމްޓީސީސީ އިން އަލަށް ގެނައި ޓަގަކާއި ބާޖު އިފްތިތާހު ކުރުމަށް ތިލަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ، އެމްޓީސީސީ އަކީ ސަރުކާރުގެ ގިނަ މަޝްރޫއުތަކަކަށް ވަރަށް ބޮޑު ހިއްސާއެއް އަދާ ކުރާ ކުންފުންޏެއް ކަމަށެވެ.
"ގާތްގަނޑަކަށް ސަރުކާރުގެ ބަޖެޓުން ބަލާނަމަ 2.6 ބިލިއަން ރުފިޔާގެ މަޝްރޫއު މިހާރުވެސް ކުރިއަށް ގެންދާ ކުންފުންޏެއް އެމްޓީސީސީ އަކީ..."، މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ވަރަށް ގިނަ ރަށްރަށުގައި ބަނދަރު ހެދުމާއި ތޮށި ލުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. އަދި މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި މިއަދު އިފްތިތާހު ކުރެވުނު ޓަގާއި ބާޖު އިތުރުވެގެން ދިއުމަކީ ސަރުކާރުން ބޭނުންވާ ގޮތަށް މަޝްރޫއުތައް ގެންދިއުމަށް ލިބުނު ކުރިއެރުމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަދި އޭގެ އިތުރަށް މި މަޝްރޫއުތައް ކުރިއަށްވުރެ އަގުހެޔޮކޮށް އެންމެ ރަނގަޅު އަގުގައި ކުރިއަށް ގެންދިއުމަށްވެސް ލިބޭ ކުރިއެރުމެއް. ސަބަބަކީ މީގެ ކުރިން މުޅިންހެން އެކި ފަރާތްތަކަށް ދީގެން ސަޕްލައި ކުރުމުގެ ކަންތައްތައް ކުރިއަށް މި ގެންދަނީ"، މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެމްޓީސީސީގެ ޓަގާއި ބާޖުތައް އިތުރުވެގެންދާ ވަރަކަށް ރައްޔިތުންގެ ފައިސާއިން ކުރެވޭ ހަރަދުތައް އޭގެ އެންމެ ރަނގަޅު އަގުގައި ކުރެވި ރަނގަޅު މަޝްރޫއުތަކެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމަށެވެ.
އެމްޓީސީސީ އަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރާ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނިން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއް ބަނދަރާއި ތޮށި ލުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
އެގޮތުން މިމަސްތެރޭގައިވެސް ވަނީ، ތ. މަޑިފުށީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި ގއ. ވިލިނގިލީ ދެވަނަ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައެވެ.