30 Jan 2016, 16:11
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެފްއޭއެމްގެ ނޮމިލައިޒޭޝަން ކޮމެޓީގެ ކުރީގެ މެމްބަރު މުހައްމަދު ހުސައިން (އޮއިއްޓޭ)ގެ ކޮއްކޮ އިސްހާގު ހުސައިންގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ގ. އޮއިވާލި އިސްހާގު ހުސައިންގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކުރީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އޭނާގެ ބަންދަށް މިއަދު އިތުރުކުރީ ފަސް ދުވަހެވެ.
ފުލުހުން އިސްހާގު ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އޭނާގެ ތަހުގީގުން މިހާރު ފުރިހަމަކުރެވިފައި ހުރި މިންވަރުން ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީ އޮފީހުން ވަނީ ފުލުހުންނަށް އަންގައިފަ އެވެ. އަދި އޭނާގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ކޮން ކަންތައްތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން އެދޭ ސަބަބެއްގެ ގޮތުގައި ފުލުހުން މިއަދު ކޯޓުގައި ބުނެފައި ވަނީ ލޯންޗުކޮޅުން ނެގި ބައެއް ސާމްޕަލްތަކުގެ އިތުރު ތަހުލީލު ރިޕޯޓުތައް ލިބިފައިނުވާތީ އެވެ. އޭގެނަތީޖާ ލިބެންދެން އޭނާ ބަންދުގައި ބަހައްޓަން ބޭނުންވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން އިތުރު ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އުމުރުން 31 އަހަރުގެ އިސްހާގު ހައްޔަރުކޮށްފައިވާ އިރު، އޭނާގެ ބޭބެ އޮއިއްޓޭ ހޯދުމަށް ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ އޭނާ ހުރީ ރާއްޖެ އިން ބޭރުގައި ފިލައިގެން ކަމަށެވެ.