30 Jan 2016, 16:55
ސަރުކާރާއި އާންމުން ހިއްސާވާ ކޮންސްޓަކްޝަން ކޮމްޕެނީ، އެމްޓީސީސީގެ މިދިޔަ އަހަރުގެ ފަހު ކްއާޓަރުގެ އާމްދަނީ، ކުރީ ކުއާޓަރަށް ވުރެ، 15.34 ޕަސެންޓް އިތުރުވެއްޖެ އެވެ.
އެމްޓީސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2015 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި 305.43 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 49.49 މިލިއަން ރުފިޔާގެ ހިންގުމުގެ ފައިދާއެއް ވެފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާ ބަލާއިރު، ހިންގުމުގެ ފައިދާ ވެސް ހަތަރު ވަނަ ކުއާޓަރުގައި 27.35 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ހަތަރު ވަނަ ކުއާޓާގައި ޓެކުހަށް ކެނޑުމަށް ފަހު ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 36.89 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ފައިދާއާ އެކު އަހަރުގެ ފަހު ކުއާޓަރުގައި ހިއްސާއަކަށް ޖެހޭ އާމްދަނީގެ އަދަދު ވަނީ 147.59 ރުފިޔާ އަށް އަރައިފަ އެވެ.
އެމްޓީސީސީއަށް 35 އަހަރު ފުރުމުގެ ޖަލްސާގައި އެކުންފުނީގެ މުވައްޒަފުން ބައިވެރިވަނީ: ސަން ފޮޓޯ/ އަލީ ނަސީރު
ހަތަރު ވަނަ ކުއާޓާގެ ހިސާބާ އެކު 2015 ވަނަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީ ވަނީ 1.03 ބިލިއަން ރުފިޔާ އަށް އަރައި، ސާފު ފައިދާގެ ގޮތުގައި 153.16 މިލިއަން ރުފިޔާ ރިކޯޑް ކުރެވިފައި ކަމަށް ވެސް އެމްޓީސީސީ އިން ބުންޏެވެ. އަދި އެ އަދަދަކީ ކުންފުނިން މިދިޔަ އަހަރު ހޯދި ސާފު ފައިދާއާ އަޅާބަލާ އިރު 87.64 ޕަސެންޓް ކުރިއެރުމެއް ކަމަށް ވެސް ބުންޏެވެ. އެ ނަތީޖާ އާ އެކު 2015 ވަނަ އަހަރަކީ ކުންފުނީގެ 35 އަހަރުގެ ދިގު މާޒީގައި އެންމެ ބޮޑު ފައިދާއެއް ރެކޯޑްކުރި އަހަރު ކަމަށް އެމްޓީސީސީ އިން ބުންޏެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން 2015 ވަނަ އަހަރަކީ ކުންފުނިން މިހާތަނަށް އެންމެ ގިނަ އުމްރާނީ ތަރައްގީގެ މަޝަރޫއު ހިންގި އަހަރު ކަމަށާއި މިދިޔަ އަހަރު 49 މަޝްރޫއެއް ހިންގާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.