19 Apr 2011, 17:15
ސްރީލަންކާގެ މާހައުލުން ބޯދަމައިގަނެ މަންމައާ ބައްޕަ ގާތަށް އަންނަން އިބްރާހިމް ނަޒީރު،18، ހިފާފައި ހުންނަތާ ދުވަސްކޮޅެއް ފަހުން އޭނާއަށް މާލެ އާދެވުނީ ކޮލެޖް ޗުއްޓީވުމުންނެވެ. ނަޒީރު އެނބުރި ލަންކާއަށް ދާން އޮތީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. ނަމަވެސް މާލެ ތެރޭގައި ހަމައެއް ލަމައެއް ނެތި ހޫރަމުންދާ ވަޅިތަކުން ވަޅިއެއް ނަޒީރުގެ ބުރަކައްޓަށް ގަޅައިލައި އޭނާވެސް ވަނީ ފުރުމުގެ ކުރިން ޒަހަމްކޮށްލައިފަ އެވެ. މިއީ ރޭ މާލޭގައި ހިނގި ވަޅި ހެރި ހާދިސާއެވެ؛
"އިއްޔެ ހަވީރު އަޅުގަނޑާއެކު ސައިކަލްގައި އުޅެފައި އިރުއޮއްސުނު ގަޑީގައި ސެންޓަރަލް ހޮޓަލްކައިރި ހުރިގެއަކަށް ލައިދޭށޭ ބުނީ. ބުނީމަ އެގެއަށް ގެންގޮސް ދިނީ އޭނާގެ ރަހުމަތްތެރިއެއްގެ ގެ އެއީ،" ތިމަރަފުއްޓަށް އުފަން އައްވިގެ ބައްޕަ އަންވަރު ބުންޏެވެ.
އޭގެ ފަހުން ދިޔައީ އައްވިގެ ހަބަރެއް ނުވެ އެވެ. ލަސްވުމުން ނުތަނަވަސްވެފައި ހުރި އަންވަރަށް ލިބުނީ ފޯނު ކޯލެކެވެ. "ދަރިފުޅު ވަރަށް ބޮޑަށް ޒަހަމްވެގެން އައިޖީއެމްއެޗްގައި އެބައޮތް" އަންވަރަށް ހީވީ މެއަށް ވަޅިއެއް ހަރާލި ހެނެވެ.
އަންވަރު ބުނީ އެވަގުތު ލެވުނުހާ ބާރެއްލާފައި އައިޖީއެމްއެޗަށް ދިޔައިރު އޮޕަރޭޝަން ތިއޭޓަރުގެ ދޮރު ހުރީ ހުޅުވިފައި ކަމަށާއި ދަރިފުޅު، އައްވި ލެއާ ތަތްތެޅިފައި އޮތް ކަމަށެވެ.
"އަހަރެން ދިޔައިރު ދަރިފުޅު ވައްދަނީ. އޭނާ ބަލައިލަން ހިނދުކޮޅެއް ލިބުނީ. ބުނާނެ އެއްޗެއްވެސް ނޭންގުނު،" އަންވަރު ބުންޏެވެ.
އޭނާ ބުނީ އެވަގުތު ޑޮކްޓަރުންނާއި އެތާނގައި ތިބި މީހުން ވެސް އެއްވެސް ތަފްސީލެއް އޭނާއަށް ނުދޭ ކަމަށާއި ހަމައެކަނި އެނގުނު ވަރަކީ ވަޅިއެއް ހަރައި ޒަހަމްކޮށްލިކަން އެކަނި ކަމަށެވެ.
ގަޑިތަކަކަށް ދެމިގެން ދިޔަ އޮޕަރޭޝަނަކަށް ފަހު އައްވި ނެރުނީ ރޭ މެންދަމު 12:00 ޖަހަން އުޅެނިކޮށެވެ.
"ޑޮކްޓަރު ބުނި ބުރަކަށީގެ ވާތްފަރާތުން ހަރާލި ވަޅި ހުރީ ފުއްޕާމެއަށް ވަދެފައޭ. ދެ އިންޗި ހާތަން ފުއްޕާމެއަށް ވަދެފަ ހުއްޓޭ. އެހެންވެ އިންފެކްޓް ވެދާނެ ތީ ހޮޅިކޮޅެއް ލެއްވީ އޭ،" ނަޒީރު ބުންޏެވެ.
ނަޒީރު ބުނީ އޭނާގެ ދަރިފުޅު ޒަހަމްކޮށްލީ މަސްވަޅިއަކުން ހަމަލަ ދީގެން ކަމަށެވެ.
އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓާ ޒީނަތު އަލީ ހަބީބް މިއަދު ވިދާޅުވީ އައްވިގެ ހާލަތު ސީރިއަސް ނޫން ކަމަށާއި މިހާރު ހަމަޖެހެމުން އަންނަ ކަމަށެވެ. ނަމަވެސް އެ ވާހަކަ އަންވަރު ގަބޫލެއް ނުކުރެ އެވެ.
"ކިހިނެތް ގަބޫލުކުރާނީ. ޑޮކްޓަރުވެސް އިޝާރާތެއް ދެއްވި ބޮޑު މަސްވަޅިއެއް ފުއްޕާމެއަށް ވަނީމަ އިންފެކްޓްވާނޭ. ދެން ހޮޅިކޮޅެއް ލައްވާފައި އިނުމަކުން ކޮންކަމެއް ހައްލުވާނީ. އަޅުގަނޑު އެހެންވެ އޭނާ ގޮވައިގެން ބޭރަށް ފުރޭތޯ މި އުޅެނީ. އަޅުގަނޑު ބޭނުން ދަރިފުޅުގެ ސަލާމަތް، ޔަގީންކުރަން،" އަންވަރު ބުންޏެވެ.
އައްވިގެ ބުރަކަށްޓައް ޖެހި ވަޅި ފުއްޕާމެއާ ހަމައަށް ފޯރި ހަމަލަ ފުލުހުން އަންނަނީ ސީރިއަސް ކޮށް ތަހުގީގު ކުރަމުންނެވެ. އެގޮތުން ފުލުހުން އެ މައްސަލައާ ގުޅިގެން 19 އަހަރުގެ ކުއްޖަކާއި 18 ނުފުރޭ ކުޑަކުއްޖަކު ވަނީ ހައްޔަރުކޮށްފަ އެވެ.
"އަޅުގަނޑުމެން އެ މައްސަލަ ބަލަމުން ގޮސް 19 އަހަރުގެ ކުއްޖަކާއި 18 އަހަރު ނުފުރޭ ކުޑަކުއްޖެއް ހައްޔަރުކޮށްފިން. މި ދެ މީހުން ވެގެން ވަޅި ޖެހިކަމަށް ތުހުމަތު ކުރެވެނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވި އެވެ.