30 Jan 2016, 15:54
އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ އަޑުގެ ސާމްޕަލެއް ނަގައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އިމްރާން ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.
އިމްރާން ފުލުސް އޮފީހަށް ހާޒިރުކުރީ އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯގެ އެނަލިސިސް ރިޕޯޓެއް ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށެވެ.
މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުގެ މުޒާހަރާގައި އިމްރާން ދެއްކެވި ވާކަފުޅު ހިމެނޭ ވީޑިއޯގެ އެނަލިސިސް ރިޕޯޓް ތައްޔާރު ކުރަން އެންގެވީ އެ މައްސަލަ ބައްލަވާ ގާޒީ އަބްދުލް ބާރީ ޔޫސުފެވެ.
އިމްރާން މިހާރު ހުރީ ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފަ އެވެ.
އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް މޭޑޭ މުޒާހަރާގައި ވާހަކަދެއްކެވި ކަމަށް ބުނެ އެވެ. އަދި އެ މުޒާހަރާގައި ހަމަނުޖެހުންތައް ހިނގީ އިމްރާން ދެއްކެވި ވާހަކަތަކުން ހިތްވަރު ލިބިގެން ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
ނަމަވެސް އެކަންކަމަށް އިމްރާން ވަނީ އިންކާރު ކުރައްވައިފަ އެވެ. އިމްރާން ވިދާޅުވެފައި ވަނީ އަނިޔާވެރި ކަމަށް ހިތްވަރުލިބޭ ގޮތަށް އޭނާ ވާހަކަ ދައްކާފައިނުވާނެ ކަމަށާއި އޭނާ އަކީ އަނިޔާވެރިކަމާ ދެކޮޅު މީހެއް ކަމަށެވެ.