30 Jan 2016, 20:36
ބާލިން (ޖެނުއަރީ 30):ރެފިއުޖީންނާ މެދު ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ގެންގުޅުއްވާ ސިޔާސަތަކީ އެކަމަނާ މާގުން އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއް ކަމަށް އެގައުމުގެ 40 ޕަސެންޓް ރައްޔިތުން ގަބޫލުކުރާކަމަށް ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައިފި އެވެ.
ޗާންސެލާ މާކެލް ރެފިއުޖީންނާ ބެހޭގޮތުން ގެންގުޅުއްވާ ސިޔާސަތާ ބެހޭ ގޮތުން ޖަރުމަނުގެ ފޯކަސް މެގަޒިންއިން ޖެނުއަރީ 22 ން 25 އަށް ކުރިއަށް ގެންދިޔަ ސާވޭގައި އެގައުމުގެ 2،047 މީހެއްގެ ހިޔާލު ހޯދާފައިވެ އެވެ. އެ ހިޔާލުތަކުން ދެއްކި ގޮތުގައި 40 ޕަސެންޓް މީހުން ދެކޭ ގޮތުގައި ރެފިއުޖީންނާ މެދު މާކެލް ގެންގުޅުއްވާ ސިޔާސާތަކީ މާކެލް އިސްތިއުފާދެއްވަންޖެހޭ ސަބަބެކެވެ. ނަމަވެސް ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 45 ޕަސެންޓް މީހުން ދެކޭ ގޮތުގައި އެއީ މާކެލް އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ނޫނެވެ. ބާކީ 15 ޕަސެންޓް މީހުން އެއްވެސް ފަރާތަކަށް ވޯޓުދީފައި ނުވެ އެވެ.
މެދުއިރުމައްޗާއި އެފްރިކާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އިގްތިސާދު ހީނަރުވުމުގެ ސަބަބުން އެސަރަހައްދުގެ ގައުމުތަކުން ޖަރުމަނަށްދާ ގިނަ އަދަދެއްގެ ރެފިއުޖީންނަށް ޖަރުމަނުގައި ދިރިއުޅުމުގެ ފުރުސަތު ދިނުމުގެ ސަބަބުން ޖަރުމަނުގެ ރައްޔިތުން ވަނީ މީގެ ކުރިންވެސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ގިނަ ބަޔެއްގެ ތާއީދު ލިބުނު މާކެލްގެ މަގުބޫލުކަން ފަހަކަށް އައިސްވަނީ ދަށްވެފަ އެވެ. އަދި ޖަރުމަނު ސަރުކާރުގެ އިސް ފަރާތްތަކުންވެސް ދަނީ ރެފިއުޖީން އެގައުމަށް ވެއްދުން ކޮންޓްރޯލް ކުރުމަށް ޗާންސެލަރަށް ޕްރެޝަރު ކުރަމުންނެވެ. (ރޮއިޓާސް)