އިންޝުއަރެންސްގެ ހިދުމަތް ރާއްޖެއަށް ފުރަތަމަ ފަހަރަށް ތައާރަފްވީ 1985 ވަނަ އަހަރު އެވެ. އެއީ އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އިންޝުއަރެންސް ކުންފުންޏާއި ރާއްޖޭގެ ދައުލަތުގެ ވިޔަފާރިކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ ގުޅިގެން އެލައިޑް އިންޝުއަރެންސް ކުންފުނި އުފައްދައި ހިދުމަތް ކުރަން ފެށުމުންނެވެ.

އެލައިޑް އިންޝުއަރެންސް ކުންފުނީގައި އޮތް ކޮމާޝަލް ޔޫނިއަން އިންޝުއަރެންސްގެ ހިއްސާ އެސްޓީއޯ އިން ފަހުން ވަނީ ގަނެފަ އެވެ. އޭގެ ފަހުން އެލައިޑް އިންޝުއަރެންސް ކުންފުނި ހިންގަމުން އަންނަނީ އެސްޓީއޯގެ ސަބްސިޑަޔަރީ ކުފުންޏެއްގެ ގޮތުގަ އެވެ.

އެލައިޑް އިންޝުއަރެންސް ކުންފުންޏަށް 31 އަހަރު ފުރުނު އަހަރީ ދުވަސް ފާހަނގަކުރުމުގެ ގޮތުން ކުންފުނީގެ އަހަރީ ދުވަހު އުފަންވި ހުރިހާ ކުދިންނަށް އެކުންފުނިން އިންޝްއަރެންސް ޕްލޭނެއް ދިނުމުގެ ރަސްމިއްޔާތިގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިހާރު އެލައިޑަކީ ރާއްޖޭގައި އޮތް މާލީ ހިދުމަތްދޭ އެންމެ ބޮޑު އެއްކުންފުންޏެވެ.

އެލައިޑް އިންޝުއަރެންސް ކުންފުނިން ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް އިންޝުއަރެންސް ކަވަރޭޖް ފޯރުކޮށްދެ އެވެ. ފަރުދުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ހެލްތު، މޮޓޯ، ޑައިވް، ޓްރެވަލް، އެކްސިޑެންޓް، އެކްސްޕެޓްރިއޭޓް، ލައިފް، ހޯމް، އަދި އިންބައުންޑް ޓްރެވެލް އިންޝުއަރެންސް ހިމެނެ އެވެ.

ވިޔަފާރިތަކަށްދޭ ހިދުމަތްތަކުގެ ތެރޭގައި ކާގޯ، ކޮންސިކުއެންޝަލް ލޮސް، ކޮންޓްރެކްޓާސް ޑައިވް، އިލެކްޓްރޯނިކްސް، އީއޭއާރް، ފައިޑެލިޓީ، ފަޔާ، ޖީޕީއޭ ، ހެލްތު، ހަލް، ކީ ޕާސަން، ލަޔަބިލިޓީ، މެޝިނަރީ އަދި ޖީޓީއޭ އިންޝުއަރެންސް ހިމެނެ އެވެ.

އެލައިޑަށް 31 އަހަރު ވީ އިއްޔެ އެވެ. އެކުންފުންޏަށް 31 އަހަރު ވީ އިރު އެ ކުންފުނިން ވަނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ދޭ، އިސްލާމީ އިންޝުއަރެންސް ހިދުމަތްތައް ވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން އަޔާދީ ތަކައްފުލްގެ ނަމުގައި އިސްލާމީ ވިންޑޯއެއް އެ ކުންފުނިން ވަނީ ގާއިމުކޮށްފަ އެވެ.

އެލައިޑް އިންޝުއަރެންސް އިން ވިޔަފާރީގައި ބޮޑެތި ކުރިއެރުންތައް ހޯދަމުން އަންނަ އިރު އެ ކުންފުންޏަކީ އިޖުތިމާއީ ޒިންމާ ވެސް ވަރަށް ފުރިހަމައަށް އުފުލާ ކުންފުންޏެކެވެ. ރާއްޖޭގެ ރައްޔިތުންނާ ގުޅޭ ގިނަ ކަންކަމުގައި އެކުންފުނިން އެހީތެރިވެދެ އެވެ. އެގޮތުން ކުޅިވަރު މުބާރާތްތައް ސްޕޮންސާ ކުރުމާ ހޭލުންތެރި ކުރުވުމުގެ އެކިއެކި ހަރަކާތްތައް އެކުންފުނިން ގިނައިން ސްޕޮންސާ ކުރެ އެވެ.

އެލައިޑް އިންޝުއަރެންސް ކުންފުންޏަށް 31 އަހަރު ފުރުނު އަހަރީ ދުވަސް ފާހަނގަކުރުމުގެ ގޮތުން ކުންފުނީގެ އަހަރީ ދުވަހު އުފަންވި ހުރިހާ ކުދިންނަށް އެކުންފުނިން އިންޝްއަރެންސް ޕްލޭނެއް ދިނުމުގެ ރަސްމިއްޔާތިގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެލައިޑްގެ އަހަރީ ދުވަސްކަމަށްވާ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ރާއްޖޭގައި އުފަންވި ހުރިހާ ކުދިންނަށް އެކުންފުނިން ވަނީ އަގުބޮޑު ހަދިޔާއެއް ދީފަ އެވެ. އެއީ އެކުދިންގެ މަތީ ތައުލީމަށް ހަރަދުކުރާނެ ފައިސާ ރައްކާކުރެވޭނެ ކަން ކަށަވަރު ކުރެވޭ ފަދަ އިންޝުއަރެންސް ޕްލޭނެކެވެ. ރާއްޖޭގައި އިއްޔެ އުފަންވި ކުދިންނަށް އެލައިޑުން ދިނީ ޗައިލްޑް އެކްސްޕެންސަސް އެޑިއުކޭޝަން ޕްލޭނެކެވެ. އެ ޕްލޭން ނެގުމުން ދައްކަން ޖެހޭ ޕްރެމިއަމްގެ ތެރެއިން ތިން މަސްދުވަހުގެ ޕްރެމިއަމް ހިލޭ ވާ ގޮތަށެވެ.

އެލައިޑްގެ ކާމިޔާބީ އަކީ ކޮބައިތޯ ދެންނެވުމުން އެކުންފުނީގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ އެންމެ ބޮޑު ކާމިޔާބީއަކީ ކުންފުންޏާ މެދު އުފެއްދިފައިވާ އިތުބާރު ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި އަޅުގަނޑު ސިފަކުރާނީ 31 އަހަރުގެ، ދިގު މުއްދަތަކަށް އަޅުގަނޑުމެން މިވަނީ ރައްކާތެރިކަން، އިތުބާރު، މިކަންތައްތައް ކަށަވަރުކޮށްދީފައި. އަޅުގަނޑުމެން މިވަނީ މިހިސާބަށް އާދެވުނު އިރު ވަރަށް ގިނަ ފަރާތްތަކަށް ހިދުމަތުގެ ފައިދާ ފޯރުކޮށްދީފައި. އަޅުގަނޑުމެން އަބަދު ވެސް ގަބޫލުކުރަނީ އެއީ އެންމެ ބޮޑު ކާމިޔާބީ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ދެވަނަ ކާމިޔާބީއެއްގެ ގޮތުގައި ނިއުޝާދު ފާހަގަކުރެއްވީ ކުޑަކުޑަ ސަބްސިޑަޔަރީ ކުންފުންޏެއްގެ ގޮތުގައި އޮތް އެލައިޑް، ބޮޑު މުއައްސަސާއަަކަށް ބަދަލުކުރިފައި ވުމެވެ.

"...ކުޑަ ކުޑަ ސަބްސިޑަޔަރީ ކުންފުންޏެއްގެ ގޮތުގައި އޮތީ އޮވެފައި މިހާރު މިއޮތީ ބޮޑު އިންސްޓްޓިއުޝަނަކަށް ބަދަލުވެފައި. 170 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިބި. ރާއްޖޭގެ އެންމެ ރަނގަޅަށް ތަމްރީނު ދެވިފައިވާ އިންޝުއަރެންސް ޕްރޮފެޝަނަލުން ތިބީ މިކުންފުނީގައި،" އޭނާ ވިދާޅުވި އެވެ.

އެލައިޑަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި އިންޝުއަރެންސް ގާނޫނެއް ނެތުމެވެ.

"އެހެންވީމާ އިންޝުއަރެންސް ގާނޫނެއް ކަނޑައެޅުމަށް އަޅުގަނޑުމެންގެ ރެގިއުލޭޓާ، އެމްއެމްއޭއާ އެއްކޮށް ދަނީ ވާހަކަ ދައްކަަމުން، މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ދަނީ،" ނިއުޝާދު ވިދާޅުވި އެވެ.