ލަންޑަން (ޖެނުއަރީ 30): އިންޑިއާ އަށް ނިސްބަތްވާ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އަރަވިންދާ ބަލަކްރިޝްނާން، އޭނާގެ ދަރިފުޅު 30 އަހަރުވަންދެން ހައްޔަރުކޮށްފައި ބެހެއްޓުމުގެ ސަބަބުންނާއި ބަޔަކަށް ޖިންސީ ގޯނާ ކުރުމުގެ ސަބަބުން 23 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ހަތްދިހަ ފަސް އަހަރުގެ ބަލަކްރިޝްނާން ދިޔައީ ހައްދުފަހަނައަޅާފައިވާ މާއޮއިސްޓް ގުރޫޕެއް ލަންޑަނުގައި ހިންގަމުންނެވެ. ޕްރޮސިކިއުޓަރުން ވިދާޅުވި ގޮތުގައި އޭނާ ވަނީ އެ ގްރޫޕުގެ އަންހެނުން ކޮންޓްރޯލް ކުރުމަށް ޓަކައި އެމީހުންނަށް ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައްކޮށްފަ އެވެ. ބަލަކްރިޝްނާންގެ ދަރިފުޅު، ކޭޓީ މޯގަން ޑޭވިސްގެ މަންމަ އަކީ އެގުރޫޕުގެ އަންހެނެކެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޭޓީ ބުނީ އޭނާގެ ބައްޕަ ވަނީ އޭނާ އަށް އެކިވަރުގެ ޖިސްމާނީ އަނިޔާކޮށްފައި ކަމަށެވެ. އަދި އޭނާ ގެއިން ބޭރަށް ދިޔުމާއި ކުޑައިރު ސްކޫލަށް ދިޔުމާއި، އެހެން ކުދިންނާ އެކު ކުޅުމާއި، ޑޮކްޓަރުންނަށް ދެއްކުން ވެސް އޮތީ މަނާކޮށްފަ ކަމަށެވެ.

"އަނިޔާކުރުމަކީ ބައްޕަ ވަރަށް ކުރާ ހިތްވާ ކަމެއް. އަދި ބައްޕަ ބޭނުން ވަނީ ސްޓާލިންއާއި މާއޯ އާއި ސައްދާމު ހުސައިންގެ ވެރިކަމުގެ ނިޒާމް ފަދަ ވެރިކަމެއް ކުރަން،" ކޭޓީ ބުންޏެވެ.

ކޭޓީ އޭނާގެ ބައްޕަގެ އަތްދަށުން ސަލާމަތްވީ އެ ޖަމާއަތުގެ އަންހެނެއްގެ އެހީގައި 2013 ވަނަ އަހަރު އެވެ.

ޗައިނާގެ ކުރީގެ ލީޑަރެއް ކަމަށްވާ މާއޯ ޒޭޑޮންގެ ސިޔާސަތަށް ތަބާވާ ކޮމިއުނިސްޓް ގުރޫޕެއް ލަންޑަނުގައި ބަލަކްރިޝްނާން އުފެއްދީ 1970 ވަނަ އަހަރު އެވެ. ބަލްކްރިޝްނާން އެގުރޫޕުގެ މެމްބަރުން "ބްރެއިންވޮޝް"ކޮށްފައިވާ މިންވަރު ބޮޑު ކަމުން އެމީހުން ގަބޫލުކުރާ ގޮތުގައި އޭނާއަކީ ކޮންމެ ކަމެއް ކުރުމުގެ ވެސް ކުޅަދާނަކަން ލިބިގެންވާ ކަލެކެވެ.

އެ ގްރޫޕުގެ ބައިވެރިން އަދިވެސް ދަނީ ބަލަކްރިޝްނާންއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަށް ދޮގުކޮށް އޭނާގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.