ބްރެޒިލްގެ ކޮރިންތިއަންސްއަށް ކުޅެމުންއައި ފޯވާޑް އެލެކްސެންޑާ ޕަޓޯ ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީއާ ގުޅެއްޖެ އެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން ޗެލްސީއަށް އާދެވުމުން. ވަރަށް ދުވަހު ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވެގެން މި ދިޔައީ. ޗެލްސީ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން މި ފުރުސަތު ދިނުމުން. އެ ކަމުގެ ބަދަލު މުސްތަގްބަލްގައި އަހަރެންގެ ފަރާތުން ޗެލްސީ އަށް ލިބިގެން ދާނެ،" ޗެލްސީއާ ގުޅުމަށް ފަހު ދިން ފުރަތަމަ އިންޓަވިއުގައި ޕަޓޯ ބުންޏެވެ.

އުމުރުން 26 އަހަރުގެ ޕަޓޯ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެދިން 27 މެޗުގައި 10 ގޯލު ކާމިޔާބުކޮށްދީ އެ ގައުމު 2008 އަދި 2012ގައި އޮތް އޮލިމްޕިކް ގޭމްސްގައި ތަމްސީލް ކޮށްދީފަ އެވެ.

މީގެ ކުރިން އިޓާލީގެ އޭސީ މިލާނަށް ވެސް ކުޅެފައިވާ ޕަޓޯ އެންމެ ފަހުން ކުޅެފައި ވަނީ ލޯނެއްގެ ދަށުން ސައޮ ޕާލޯއަށެވެ. އަދި އޭނާ ޗެލްސީއާގައި މަޑުކުރުމަށް އެއްބަސްވެފައި ވަނީ މިސީޒަނުގެ ނިޔަލަށެވެ.

މިއަހަރުގެ ޓްރާންސްފާގައި އެންމެ ފުރަތަމަގެނާ ކުޅުންތެރިއަކަށް ޕަޓޯ ވެގެންދިޔަ އިރު އެ ޓީމްގެ ކޯޗް ގޫސް ހިޑިންކް ބުނީ ޕަޓޯ ގެނައުމަކީ ނެގި ރިސްކެއް ނޫން ކަމަށާއި ލޯން އެއްބަސްވުމެއްގެ ދަށުން ގެނައުމުން އޭނާގެ ކުޅުމަށް ބަލާފައި އެއްބަސްވުން އިތުރުކުރުމުގެ ވާހަކަ ދައްކާނެ ކަމަށެވެ.

ޗެލްސީ އިން އަންނަނީ އިތުރު ކުޅުންތެރިންތަކެއް އެ ޓީމަށް ގެނައިސް ޓީމު ވަރުގަދަ ކުރުމުގެ މަސަތްކަތް ކުރަމުންނެވެ. އެގޮތުން އެމެރިކާގެ ނިޔޯކް ރެޑްބުލްސް އަށް ކުޅެމުން އަންނަ 20 އަހަރުގެ ޒުވާން ޑިފެންޑަރު މަޓް މިއަޒްގާ އަށް ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެނެމް ފަހުގެ ޕްރިމިއާ ލީގްގެ ޗެމްޕިއަން ޗެލްސީން މި ސީޒަނުގެ ކުރީ ކޮޅުގައި ނެރެމުންއައި ދަށް ނަތީޖާ ތަކުގެ ސަބަބުން އެ ޓީމުގެ އެންމެ ކާމިޔާބުކޯޗު ހޯސޭ މޮރީނިއޯ ވަކިކޮށް ވަގުތީ ގޮތުން ހިޑިންކްއާ ޓީމް ހަވާލް ކޮށްފައިވާ އިރު އެޓީމް އަންނަނީ މަޑުމަޑުން ފޯމަކަށް އެޅެމުންނެވެ. އެގޮތުން ހިޑިންކް ހަވާލުވި އިރު ރެލިގޭޓް ވެދާނެ ކަމުގެ ބިރު ހީވެފައިވާ ޗެލްސީ އިން މި ވަގުތު އޮތީ ކުޅުނު 23 މެޗުން 28 ޕޮއިންޓް ލިބިގެން ތާވަލުގެ 13 ވަނައިގަ އެވެ.