30 Jan 2016, 10:37
މަޑުއްވަރީ އިން: ފާތިމަތު ސައީދު
އަހަރުގެ މެދުތެރެއިން އާ ބަޖެޓެއް އެކުލަވާލުމާ މެދު ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
މަޑުއްވަރީ ސިއްހީ މަރުކަޒު 24 ގަޑިއިރުގެ ހިދުމަތްދޭ ތަނަކަށް ރަސްމީކޮށް ބަދަލުކުރުމަށް އިއްޔެ މަޑުއްވަރީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު އަމީތު ވިދާޅުވީ އަހަރު މެދުތެރެއިން "މިޑް ޓާމް ބަޖެޓެއް" އެކުލަވާލުމަށް މިހާރު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަގެ އިތުރު ތަފްސީލެއް އަމީތު ނުދެއްވަ އެވެ.
މަޑުއްވަރީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމެނުމަށް ފަހު އަލުން އުނިކުރި ނަމަވެސް އަހަރު މެދުތެރެއިން އެކުލަވާލާ ބަޖެޓުގައި ހިމެނި ބަނދަރު ހެދުމުގެ މަސައްކަތް މިއަހަރު ތެރޭގައި ކުރެވޭނެ ކަމުގެ "ފެހި ސިގްނަލެއް" ލިބިފައިވާ ކަމަށް އަމީތު ވަނީ ވިދާޅުވެފަ އެވެ.
"މަޑުއްވަރީގައި ހުރި އުޅަނދުތަކާ އަޅާ ބަލާ އިރު މިރަށުގައި މިއޮތީ ވަރަށް ކުޑަ ފަޅެއް. އަނެއްކާ ފަޅަކީ ވަރަށް ބާވެފައި އޮތް ފަޅެއް. ފަޅު ބޮޑުކުރުމުގެ މުހިންމުކަން ވަރަށް ބޮޑު. އެހެންވެ މިޑް ޓާމް ބަޖެޓުގައި ހިމެނިގެން އެކަން މިއަހަރު ތެރޭ ކުރެވޭތޯ އަޅުގަނޑު މިދަނީ ސަރުކާރާ އެކު މަސައްކަތް ކުރަމުން." އަމީތު ވިދާޅުވި އެވެ.

މަޑުއްވަރީ ސިއްހީ މަރުކަޒު 24 ގަޑިއިރުގެ ހިދުމަތްދޭ ތަނަކަށް ރަސްމީކޮށް ބަދަލުކުރުމަށް އިއްޔެ މަޑުއްވަރީ ސުކޫލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ -- ވިޔަޒޯރު
އަހަރުގެ މެދުތެރެއިން ބަޖެޓެއް އެކުލަވާލަން ސަރުކާރުން މަޝްވަރާކުރަމުންދާކަމަށް އަމީތު ވިދާޅުވެފައިވީ ނަމަވެސް ސަރުކާރުގެ ފަރާތުން އެކަހަލަ ވާހަކައެއް އަދި ދައްކާފައެއްނުވެ އެވެ.
މިއަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 27.457 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ވަނީ ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކޮށްފަ އެވެ. އޭރު ބަޖެޓު ފާސްކުރުމާ ހަމައަށް ވެސް އަހަރުގެ މެދުތެރެއިން ބަޖެޓެއް އެކުލަވާލާނެ ކަމުގެ އެއްވެސް ވާހަކައެއް ދައްކާފައެއްނުވެ އެވެ.
މިއަހަރުގެ ބަޖެޓުގައި ޕަބްލިސް ސެކްޓާ އިންވެސްޓުމަންޓް ޕްރޮގުރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކަށް 9.1 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހިމަނާފައިވާ 9.1 ބިލިއަން ރުފިޔާގެ ތެރެއިން އާއްމު ބަޖެޓުން ހޭދަ ކުރުމަށް ކަނޑައަޅާފައި ވަނީ 5.2 ބިލިއަން ރުފިޔާ އެވެ. އަދި ބޭރުގެ ލޯނު އެހީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާއާއި ހިލޭ އެހީއާ ޓުރަސްޓް ފަންޑުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި އެވެ.
ޖިހާދު ވިދާޅުވި ގޮތުން މިއަހަރުގެ ބަޖެޓް ޑެފެސީޓަކީ 3.4 ބިލިއަން ރުފިޔާއެވެ. އެއީ ޖީޑީޕީގެ ހަ ޕަސެންޓެވެ. އަދި ޑެފެސިޓް ފޫބަށްދާނީ ބޭރުގެ އެހީއާއި އެތެރެއިން ހޯދާ އާމްދަނީން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.