30 Jan 2016, 10:24
ލަންޑަން (ޖެނުއަރީ 30): މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މިސްރުގެ ސައިނާއަށް ވެއްޓުނު ރަޝިއާގެ މަތިންދާބޯޓުގައި ބޮމެއް ހަރުކުރީ އިޖިޕްޓްއެއާގެ މެކޭނިކެއް ކަމަށް އެ ހާދިސާ ތަހުގީގު ކުރާ ފަރާތްތަކުން ތުހުމަތުކޮށްފި އެވެ.
ރަޝިއާގެ މެޓްރޯޖެޓް އޭ321 ވެއްޓިފައި ވަނީ ރެޑް ސީގައި އޮންނަ ރިސޯޓު ރަށެއް ކަމަށްވާ ޝަރުމުއް ޝައިހުން ސެއިންޓް ޕީޓާސްބާގަށް ދަތުރުކުރަމުން ދަނިކޮށް މިސްރުގެ ސައިނާ އަށެވެ. އެ ހާދިސާގައި ބޯޓުގައި ތިބި 224 މީހުން މަރުވި އެވެ.
އެހާދިސާ ތަހުގީގު ކުރުމަށް ފަހު މިސްރުން ބުނެފައި ވަނީ ބޯޓު ވެއްޓުނީ ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އިޖިޕްޓްއެއާގެ އިސް އޮފިޝަލަކާއި މިސްރުގެ އިންޓީރިއާ މިނިސްޓްރީން ވަނީ އިޖިޕްޓްއެއާ އެއެއާލައިންގެ އެއްވެސް މުވައްޒަފަކު ހައްޔަރުކޮށްފައިވާ ނުވާ ކަމަށާއި، އެއްވެސް މުވައްޒަފެއްގެ މައްޗަށް އެފަދަ ތުހުމަތެއް ވެސް ކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ.
ނަމަވެސް، ރަޝިއާއިންނާއި ހުޅަނގުގެ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި ރަޝިއާގެ ބޯޓު ވައްޓާލާފައި ވަނީ ބޯޓުގެ އެތެރޭގައި ބޮމެއް ގޮއްވާލައިގެންނެވެ. އަދި އެގައުމުތަކުން ކުރަމުންދާ ތަހުގީގުތަކަށް ލިބިފައިވާ މައުލޫމާތުގެ ދަށުން އިޖިޕްޓްއެއާގެ މުވައްޒަފަކާއި، މެޓްރޯޖެޓް އޭ321ގައި ބޮން ހަރުކުރަން އެހީވި ކަމަށް ތުހުމަތުކުރެވޭ އެއާޕޯޓުގެ ދެ ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ކަމާ ބެހޭ ފަރާތަކުން ބުންޏެވެ.
މިހާރު ކުރިއަށްދާ ތަހުގީގެއް ކަމަށްވުމުން ނަން އާއްމުކޮށްފައިނުވާ އިޖިޕްޓްއެއާ މުވައްޒަފުގެ އާއިލާގެ މެމްބަރަކު އައިއެސްއާ ގުޅިފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ބެހޭ ފަރާތްތަކުން ބުނެ އެވެ.
ރަޝިއާގެ ބޯޓުވެއްޓުނުތާ މާގިނަ ދުވަސް ނުވަނީސް އައިއެސް އިން ވަނީ ބޯޓު ވައްޓާލުމުގެ ޒިންމާ ނަގާފަ އެވެ. އަދި އެޖަމާއަތުގެ ވެބްސައިޓް މެދުވެރިކޮށް ބޯޓު ގޮއްވާލުމަށް ބޭނުން ކުރި ކަމަށް އެމީހުން ބުނާ އާލާތްތަކެއް ދައްކާލާފަ އެވެ.
އެއާބަސް އޭ321 ވެއްޓުނީ ބޮމެއްގެ ސަބަބުން ކަން ކަށަވަރުވެއްޖެ ނަމަ، އެބޯޓުގައި ތިބި ހުރިހާ ފަސިންޖަރުންގެ އާއިލާތަކަށް މިސްރުން ފައިސާގެ ބަދަލު ދޭން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. (ރޮއިޓާސް)