ވައިޓް ހައުސް : އެމެރިކާގެ ރައީސް ބަރަކް ޙުސައިން އޮބާމާއަށާއި އަނބިކަނބަލުން މިޝައިލްއަށް 2010 ވަނަ އަހަރު ލިބިފައިވަނީ 1.8 މިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ކަން އެދެބޭފުޅުން ހާމަކުރައްވައިފިއެވެ.
އޮބާމާގެ ދެކަނބަލުންނާ ޙަވާލާދީ ޝާއިޢު ކުރެވުނު މީޑިޔާ ރިޕޯޓެއް ބުނާގޮތުން އޮބާމާގެ ޢާއިލާއަށް އެންމެ ގިނައިން އާމްދަނީ ލިބެނީ ފޮތްތައްޔާރުކޮށް އެފޮތްތައް ވިއްކައިގެންނެވެ. އެމެރިކާގެ ރައީސްގެ ޙައިޘިއްޔަތުން އޮބާމާއަށް މުސާރައިގެ ގޮތުގައި އަހަރަކު ލިބެނީ 395 ހާސް އެމެރިކާ ޑޮލަރެވެ. އިތުރު އާމްދަނީ ލިބެނީ ފޮތުގެ ވިޔަފާރިންނެވެ.

އެމެރިކާގައި އިއްޔެ ޝާޢިޢު ކުރި މިރިޕޯޓް ބުނާގޮތުން 2008 ވަނަ އަހަރު އޮބާމާގެ ޢައިލާއަށް 2.6 މިލިޔަން ޑޮލަރު، އަދި 2009 ވަނަ އަހަރު 5.5 މިލިޔަން ޑޮލަރު ލިބުނެވެ. އެމެރިކާގެ އެހެން ރައްޔިތުންނެކޭ އެއްގޮތަށް އޮބާމާގެ ޢާއިލާއިން ވެސް ދައުލަތަށް ޓެކްސް ދައްކަން ޖެހެއެވެ. އޮބާމާގެ ޢާއިލާއިން 5 ލައްކަ އެމެރިކާ ޑޮލަރު ޓެކްސްގެ ގޮތުގައި އެކިފަހަރުމަތިން ދައުލަތަށް ދައްކާފައިވެއެވެ. އަދި އެކިއެކި ޗެރިޓީ (ޚައިރާތު) ފަންޑްތަކަށް އެހީތެރިވުމުގެ ގޮތުން 2 ލައްކަ 45 ހާސް ޑޮލަރު ޚަރަދު ކުރައްވާފައިވެއެވެ.

ވައިޓް ހައުސް އިން ނެރެފައިވާ ލިޔުމެއްގައި، އޮބާމާއަކީ އެމެރިކާގެ ރައީސް ކަމުގެ މަޤާމް އަދާކުރައްވާ އެމެރިކާގެ ދައުލަތާއި ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ އިތުރުން އޭނާއަކީ ފޮތްތައް ލިޔުއްވުމުގައި ފުންނާބު އުސް މުއައްލިފެއް (ލިޔުންތެރިއެއް) ކަމަށް ސިފަކޮށްފައި ވެއެވެ.

ރައީސް ކަމުގެ މަޤާމްގައި ހުންނަވައިގެންވެސް ފޮތްލިޔުމަށް އޮބާމާ ވަގުތު ހޯއްދަވައެވެ. މިހާތަނަށް ތިން ފޮތެއް އޮބާމާ އެކުލަވާލައްވައި ބާޒާރަށް ނެރުއްވާފައިވެއެވެ.

އޮބާމާއާއި އޭނާގެ ޢާއިލާ ވައިޓް ހައުސް ގައި ދިރިއުޅުއްވަން ފެއްޓެވުމުގެ ކުރިން އުޅުއްވަމުން ގެންދެވީ އެމެރިކާގެ އިލިންވީ ސްޓޭޓްގައެވެ. މިސްޓޭޓްގައި އޮބާމާއާއި އަނބިަކަބަލުންގެ ގެ ގެއެއް ހުރެއެވެ. -- ނޫސްއެޖެންސީތައް