ކަރަންޓް ކެނޑި ހާލުގައި ޖެހިފައިވާ ތިނަދޫ ރައްޔިތުންނަށް ބޭންކް އޮފް މޯލްޑިވްސް އިން ބައެއް ތަކެެތި ހަދިޔާކޮށްފި އެވެ.

ބީއެމްއެލްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ބޭންކުން ތިނަދޫ ރައްޔިތުންނަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި 2000 ވަރަކަށް އުއްބަތި އާއި 300 ލެޑް ފްލެޝް ލައިޓާއި ފޯން ޗާޖު ކުރުމަށް ބޭނުން ކުރާ، އެކްސްޓެންޝަން ވާ ގަނޑާއި މަދިރި ލޯޝަން ފަދަ ތަކެތި ހިމެނޭ ކަމަށެވެ. އެ ތަކެތި އެ ރަށު ރައްޔިތުންނަށް ފޯރުކޮށްދިނީ ކައުންސިލް މެދުވެރިކޮށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އަދި އޭނާ ވިދާޅުވީ ބީއެމްއެލްގެ ތިނަދޫ ބްރާންޗުގެ މުއްޒަފުން އަންނަނީ އެ ރަށު ރައްޔިތުންނަށް ފޯން ޗާޖުކޮށްދެމުން ކަމަށާއި އަދި އެކިއެކި ފަރާތްތަކުން ވެދޭ އެހީތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ވެސް ބޭންކް އޮފިޝަލުން ހަރަކާތްތެރިވާ ކަމަށެވެ.

ތިނަދޫން ކަރަންޓް ކެނޑުނަސް ބޭންކްގެ ހިދުމަތް ބަރާބަރަށް ލިބޭނެ ކަމަށާއި އަދި މިހާރު ބޭންކު މުވައްޒަފުން މަސައްކަތް ކުރަމުން އަންނަނީ އެ އަތޮޅުގައި މަސައްކަތް ކުރާ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެރޭންޖުމެންޓްތައް ހެދުމަށް ކަމަށް ވެސް ބޭންކުން ބުންޏެވެ.

ތިނަދޫ އިންޖީނު ގޭގައި މިދިޔަ ހޯމަ ދުވަހުގެ ރޭ އަލިފާން ރޯވެ، ހުރިހާ އިންޖީނުތައް ހަލާކުވުމުން އެ ދުވަހުން ފެށިގެން ވަނީ، 10،400 މީހުން އުޅޭ ރަށުން ކަރަންޓް ކެނޑިފަ އެވެ. ފެނަކަ ކޯޕަރޭޝަނުން ބަނުނީ މިއަދުގެ ވަގުތެއްގައި އެ ރަށަށް ކަރަންޓް ދެވޭވަރު ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.