30 Jan 2016, 09:38
މަސްތުވާތަކެތި ގެންގުޅުނު މީހަކު 10 އަހަރަށް ޖަލަށްލުމާ އެކު 50،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
ގދ. ތިނަދޫ ސަންޑޭ ޣައްސާން ހަސަން 10 އަހަރަށް ޖަލަށްލުމާ އެކު 50،000 ރުފިޔާ އިން ޖޫރިމަނާކޮށްފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބުތުވުމުންނެވެ.
ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 26 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކުރި އިރު، ގ. ޕާކަރުހައުސްގޭ ގްރައުންޑު ފްލޯގައި ހުރި ކޮޓަރިންނާއި އޭނާ ދިރިއުޅޭ ގ. ބްލޫވެސްޓުގެއިން ފެނުނު މަސްތުވާތަކެއްޗަކީ ޣައްސާންގެ ތަކެތި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ.
ޣައްސާން ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ވެސް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގައިފަ އެވެ.
ޣައްސާންގެ ވޮލެޓުން ފެނުނު 4790 ރުފިޔާ އަކީ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ނޫން ގޮތަކަށް ހޯދާފައިވާ ފައިސާ ކަމަށް އޭނާ ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ، އެ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމުގައި ކަނޑައަޅައި އެ ފައިސާ ދައުލަތަށް ނެގުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.