30 Jan 2016, 08:56
ޔޫރަޕުގެ ގައުމެއް ކަމުގައިވާ ސްވިޓްޒަލެންޑްގެ ސަރުކާރުން، އެ ގައުމުގެ ކޮންމެ ރައްޔިތަކަށް އެއްވެސް ތަފާތު ކުރުމެއް ނެތި، ކޮންމެ މަހަކު ވެސް 1،700 ޔޫރޯގެ މުސާރައެއް ދިނުމަށް ނިންމައި، އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނިންމައިފި އެވެ.
ސްވިޓްޒަލެންޑްގެ އެކްޓިވިސްޓުންތަކެއް، އެ ޤައުމުގެ ސަރުކާރަށް ހުށަހެޅި މި ހުށަހެޅުން ސަރުކާރުން ވަނީ ޤަބޫލު ކޮށްފަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް މި އަހަރުގެ މެދުތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖައްސައިފަ އެވެ.
އެޤައުމުގެ އެކްޓިވިސްޓުންގެ ގްރޫޕުން ހުށަހެޅީ، ވަޒީފާ އަށް ދާ މީހުންނާއި ނުދާ މީހުންގެ މެދުގައި ތަފާތު ނުކޮށް، އެ ޤައުމުގެ ކޮންމެ ބޮޑު މީހަކަށް 1،700 ޔޫރޯގެ މުސާރައެއް ކޮންމެ މަހަކު ސަރުކާރުން ދިނުމަށާއި، ކޮންމެ ކުޑަކުއްޖަކަށް މަހަކު 400 ޔޫރޯގެ މުސާރައެއް ދިނުމަށެވެ. އަދި މި މުސާރައަކީ، ދައުލަތަށް ދައްކަން ޖެހޭ ޓެކްސް އިން މައާފު ކުރެވޭ ފައިސާގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުގައިއެދިފައިވެ އެވެ.
އެ ގްރޫޕުން ބުނެފައި ވަނީ، ދައުލަތުން ހުރިހާ ރައްޔިތުންނަށް މުސާރައެއް ދިނަސް، އެޤައުމުގައި ވަޒީފާ އަދާކުރާ މީހުންގެ އަދަދަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.