ރާއްޖެ ތަރައްގީ ކުރުމަށް ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ވާންޖެހުނު ކޮންމެ ގުރުބާނީ ސަރުކާރު ކޯލިޝަން އެމްޑީއޭ އިން ވާނެކަމުގެ ޔަގީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު މިރޭ ވިދާޅުވެއްޖެ އެވެ.

"އުއްމީދީ 16 އަތޮޅަށް" މި ނަމުގައި ނ. ވެލިދޫގައި ސަރުކާރު ކޯލިޝަނުން މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މައުރޫފު ވިދާޅުވީ އެމްޑީއޭގެ މެމްބަރުންގެ ކިބައިން އޭނާ އެދެނީ އެންމެ ކަމަކަށް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ "ދެގޮތެއް" ނުވެ ސަރުކާރު ކޯލިޝަނަށް އިހުލާސްތެރިކަމާއި އެކު މަސައްކަތް ކޮށްދިނުމަށް މެމްބަރުންގެ ކިބައިން އެދޭ ކަމަށެވެ.

"އެއްގޮތަކަށް ވެސް ފިތުނައިގެ ތެރެއަށް ގެބިގެން ނުދިއުމަށް އިލްތިމާސްކުރަން. އަޅުގަނޑުމެންނާއި އެކީގައި ﷲގެ އިރާދަކުރެއްވިއްޔާ މިރޭ އަޅުގަނޑު މި އިއުލާނު ކުރަނީ 2018 އަށް ރައީސް ޔާމީން ހޮވުމަށްޓަކައި މިރޭގެ ޖަލްސާއާ އެކީގައި މި މަސައްކަތް ފެށުނީއޭ. އަޅުގަނޑުމެން އެކީގައި އެމްޑީއޭއާ ޕީޕީއެމްއާއި އެކީގައި ﷲ އިރާދަފުޅުކުރެއްވިޔާ ރައީސް ޔާމީން ދެވަނަ ދައުރަކަށް ދެވަނަ ޒައާމަތަކަށް މި ގޮނޑިއަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އައްޔަންކުރާނަމޭ،" މައުރޫފު ވިދާޅުވި އެވެ.

މައުރޫފު ވިދާޅުވީ ތަނަކަށް ނުވަތަށް ގައުމަކަށް ތަރައްގީ ގެނައުމަކީ ކޮންމެ ކޮންމެ މީހަކަށް ގެނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ތަރައްގީ ކުރެވޭނީ ތަރައްގީ ކުރަން އެނގި އަދި އެއީ ކޮން އެއްޗެއްކަން އެނގޭ ބަޔަކަށް ކަމަށެވެ.

ނ. ވެލިދޫގައި ޕީޕީއެމް އަދި އެމްޑީއޭ އިން ބޭއްވި ޖަލްސާގެ ތެރެއިން: ސަން ފޮޓޯ/ ޝާމިން

"އަޅުގަނޑާއި އަޅުގަނޑުގެ ލީޑަރު {އަހުމަދު ސިޔާމް މުހައްމަދު} ހިސާބު ޖެހީ ރާއްޖޭގައި ހުރި އެކޮނޮމިސްޓަކީ ކޮބައިތޯ، ރާއްޖޭއަށް އާ ބަދަލެއް ގެނެވޭނީ ކޮން ބޭފުޅަކަށްތޯ. ރާއްޖެއަށް ފުރިހަމަ ތަރައްގީ އެއް ގެނެވޭނީ ކޮން ބޭފުޅަކަށްތޯ. އަޅުގަނޑުމެން ބެލި ބެލުމުގައި ހަމައެކަނި އަޅުގަނޑުމެންގެ ޗާޓަށް އައީ، އަޅުގަނޑުމެންގެ ރާޑަރަށް އައީ ރައީސް ޔާމީން،" މައުރޫފު ވިދާޅުވި އެވެ.

ނ. އަތޮޅު ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާ މައުރޫފު ވިދާޅުވީ ނ. އަތޮޅުގައި އިދިކޮޅު ފަރާތްތަކެއް ނުތިބޭނެ ކަމަށެވެ. އެހެންކަމުން ނ. އަތޮޅުގެ ރައްޔިތުން އެއް ރޫހެއްގައި އެއް އަމާޒަކަށް ވާސިލުވުމަށް މަސައްކަތް ކުރުމަށް އޭނާ ވަނީ އެ އަތޮޅުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"އިރާދަކުރެއްވިއްޔާ ތަރައްގީ އަންނަމުން އަންނަމުން ގޮސް މުޅި ނު. އަތޮޅު ތަރައްގީވެ ދޮންވެ ފައްކާވެގެން ދާނެ. މިއަދު އަޅުގަނޑު ބުނެލަން ބޭނުންވާ އަނެއް ވާހަކައަކީ ނ. އަތޮޅުގެ ތަރައްގީ އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރުން ެއެދަނީ ފާހަގަކުރަމުން." މައުރޫފު ވިދާޅުވި އެވެ.