30 Jan 2016, 00:06
ގިނަ ޒުވާނުން ހައްޖުގެ އަޅުކަން އަދާކުރުމުގައި އަޒުމް އާކުރުމަށް ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ގޮވާލައްވައިފި އެވެ.
ޑރ. ވަހީދު މިހެން ގޮވައިލެއްވީ ހައްޖު ކޯޕަރޭޝަނުން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ދުނިޔޭން އެތައް ބަޔަކު ހައްޖުގެ އަޅުކަމަށް އެއް ބިމަކަށް އެއްވާއިރު، ހަށިގަނޑުގައި ވަރުހުއްޓައި އެ އަޅުކަމާ ކުރިމަތިލުމަކީ މުހިންމުކަމެއް ކަމަށެވެ.
"ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ގައުމުތަކުން އެތައް މުސްލިމުންނެއް ހައްޖުގެ އަޅުކަމަށްދޭ. އެއީ ހީކުރާހާ ފަސޭހަ ކަމަކަށް ނުވޭ. ހަށިގަނޑުގައި ވަރުހުއްޓައި އެ އަޅުކަމަށް ކުރިމަތިލުމަކީ އަޅުގަނޑު ގަބޫލުކުރަ ގޮތުގައި ވެސް އެންމެ ރަނގަޅުގޮތް. އެހެންވީމަ ވީހާވެސް ގިނަ ޒުވާނުން ހައްޖަށް ދިއުމަށް އަޅުގަނޑު ގޮވާލަން،" ޑރ. ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހައްޖުގެ އަޅުކަމަށް މިލިއަނުން މީހުން އެއްވާއިރު، އުމުރުން ދުވަސްވީ މީހުންނަށް އެއީ ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި ހައްޖުގެ އަޅުކަން އަދާކުރާ މީހުން ރާއްޖޭގައި ދަނީ ދުވަހަކަށް ފަހު ދުވަހެއް އިތުރުވަމުން ކަމަށާއި އެއީ އެމަކިކުފާނު އުފާކުރައްވާ ކަމެއް ކަމަށެވެ.
ޑރ. ވަހީދުގެ ވާހަކަފުޅުގައި ހައްޖު ކޯޕަރޭޝަނާއި ދައުލަތުގެ އިދާރާތަކާއި ސަރުކާރާއި އަދި ސައުދީގެ ކަމާބެހޭ ފަރާތްތަކުން ދިވެހިން އެ މަތިވެރި އަޅުކަން އަދާކުރުމަށް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ ހައްޖު ކޯޕަރޭޝަންގެ މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީވެދެއްވި ފަރާތްތަކަށް ޝުކުރު އަދާކޮށް ހަނދާނީ ފިލާ އަރުވާފަ އެވެ. އޭގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ މޮބައިލް އެޕްލިކޭޝަން އަދި ހައްޖާއި ބެހޭ ޑީވީޑީ ވަނީ އިފްތިތާހުކޮށްފަ އެވެ.