ފ. ނިލަންދޫ މަރިޔާދުގޭގައި އަލިފާން ރޯވެ، މުޅިތަން އަނދާ ހުލިވެއްޖެ އެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް އަހުމަދު އަލީ "ސަން" އަށް މިރޭ ވިދާޅުވީ މިރޭ 9:30 އެހާކަށްހާއިރު ނިލަންދޫގައި ހުންނަ އާސާރީ ސަރަހައްދު (މަރިޔާދުގެ)ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އަލިފާން ރޯވަން މެދުވެރިވި ސަބަބެއް އަދި ސާފުވާ ގޮތް ނުވާ ކަމަށެވެ.

ނިލަންދޫ މަރިޔާދު ގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން: ސަން ފޮޓޯ/ ކިޔުންތެރިއެއް

"އެތަނަކީ ރަށުގައި ހުރި ވަރަށް ގިނަ އާސާރީ އެއްޗެހި ހުރިތަނެއް. އެއްވެސް ވަރަކަށް ބޭނުން ކުރެވޭ ވަރެއް ނުވޭ. މުޅިތަން އެއްކޮށް އަނދައިގެން އެ ދިޔައީ،" އަހުމަދު އަލީ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިރޭ ވިދާޅުވީ މިރޭ 9:30 އެހާކަށްހާއިރު ނިލަންދޫ އާސާރީ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ މާގިނަ އިރުތަކެއް ނުވަނީސް ފުލުހުންނާއި ރަށުގެ ރައްޔިތުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށެވެ.