30 Jan 2016, 01:34
ދިވެހި ސަރުކާރުގެ ބައެއް އިސްވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން ތައްޔާރަށް އޮތް ކަމަށް އިނގިރޭސި ވިލާތުން ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ސްރީލަންކާގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި ބައިނަލްއަގުވާމީ މީޑިޔާއަށް މައުލޫމާތު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ކުރީގެ ރައީސް ނަޝީދު ޖަލަށް ލުމާއި ގުޅިގެން ރާއްޖެއަށް ކުރިމަތި ކުރަމުން އަންނަ ބައިނަލްއަޤްވާމީ ޕްރެޝަރަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ސަބަބަކީ ނަޝީދު ޖަލަށް ލެވުނީ ރާއްޖޭގެ ގާނޫނުގައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަމަށް ސާބިތުވެގެން ކަމަށެވެ.
މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް އިނގިރޭސި ވިލާތަށް ވަޑައިގެން ހުންނެވި، 13 އަހަރަށް ޖަލަށް ލެވިފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވަނީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަންއާ ބައްދަލުކުރައްވައި، ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ އެވެ. އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލު އަމާލް ކްލޫނީ ވަނީ، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ފަރާތުން ހަމަލައެއް އަތުވެދާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.
މި ވާހަކަތަކަށް އިޖާބަ ދެއްވަމުން އިނގިރޭސި ބޮޑުވަޒީރު ކެމެރަން ވިދާޅުވީ ދިވެހި ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް އިނގިރޭސި ވިލާތުން ފިޔަވަޅު އެޅުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
މިކަމަށް ރައްދު ދެއްވަމުން އާޒިމާ މިއަދު ބައިނަލްއަގުވާމީ މީޑިޔާއަށް ވިދާޅުވީ، ޖިނާއީ ކުށެއް ކޮށްގެން އެކަމަށް އަދަބު ލިބެމުންދާ މީހަކު މިނިވަން ނުކޮށްގެން ދިވެހި ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
އަދި ދިވެހި ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމަކަށް ވާ އިރު، ފަތުރުވެރިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލުމަކީ ދިވެހި ސަރުކާރުން ކަންބޮޑުވާނެ ކަމެއް ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.