މަޑުއްވަރީ އިން: ފާތިމަތު ސައީދު

ހުޅުމާލޭގައި އިމާރާތްކުރާ ދެވަނަ ފިޔަވަހީގެ ފްލެޓްތައް އަޅައި ނިމުމުން އެތަނުން ރ. މަޑުއްވަރީ ރައްޔިތުންނަށް ޖާގަ ލިބިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީއާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީގައި ބިމުގެ ދަތިކަން ބޮޑުވެ، ހިއްކަން އޮތްތަންކޮޅު ކުޑަކަމުން، އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި މީގެ ކުރިން ވެސް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅައިފަ އެވެ. ނަމަވެސް ރައީސް ޔާމީން ވިދާޅުވެފައި ވަނީ މަޑުއްވަރީ އަކީ ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެއް ކަމަށާއި ހިއްކަން އޮތް ތަންކޮޅާއި ރަށުގެ އާބާދީއާ ނުބައްދަލުވުމުން އެއީ ބޮޑު މައްސަލައެއް ކަމަށެވެ.

ދެން އޮތް ހަމައެކަނި ހައްލަކީ ހުޅުމާލެ އާއި މާލެއެކޭ އެއްގޮތަށް އުސްކޮށް ގެތައް އިމާރާތްކުރުން ކަމަށާއި އެކަމާ މެދު ރައްޔިތުންގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މަޑުއްވަރީ ސިއްހީ މަރުކަޒު 24 ގަޑިއިރުގެ ހިދުމަތްދޭ ތަނަކަށް ރަސްމީކޮށް ބަދަލުކުރުމަށް އިއްޔެ މަޑުއްވަރީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު އަމީތު ވިދާޅުވީ މަޑުއްވަރީގެ ބިމުގެ ދަތިކަން ހައްލުކުރުމަށް ހައުސިންގް މިނިސްޓްރީ އާކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

"ހައުސިންގް މިނިސްޓްރީއާ އެކު މީގެކުރިން ކުރެވުނު މަޝްވަރާތަކުގައި އެފަރާތުން ވިދާޅުވެފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓްތައް އަޅާ ނިމުމުން ބިމުގެ ޖާގައިގެ ދަތިކަން މަޑުއްވަރީ ރައްޔިތުންނަށް ހައްލުވެގެން ދާނެ ކަމަށް،" މެމްބަރު އަމީތު ވިދާޅުވި އެވެ.

މަޑުއްވަރީ ސިއްހީ މަރުކަޒު 24 ގަޑިއިރުގެ ހިދުމަތްދޭ ތަނަކަށް ރަސްމީކޮށް ބަދަލުކުރުމަށް އިއްޔެ މަޑުއްވަރީ ސުކޫލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ -- ވިޔަޒޯރު

މަޑުއްވަރީން ހުޅުމާލެއަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އުފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އަމީތު ވިދާޅުވި އެވެ.

މަޑުއްވަރީ ސިއްހީމަރުކަޒު 24 ގަނޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުކުރުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އަމީތު ވިދާޅުވީ ރަށާއި ކައިރި ހިސާބުތަކުގައި ގިނަ އަދަދެއްގެ ރިސޯޓުތައް ތަރައްގީކުރަމުންދާ ކަމަށާއި އެހެންކަމުން ރަށުން ބޭރުން ސިއްހީ ހިދުމަތް ހޯދުމަށް އަންނަ މީހުން ގިނަވާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ގަޑިއެއްގައި ވެސް ސިއްހީ ހިދުމަތް ލިބެންހުރުމަކީ މުހިންމުކަމެއް ކަމަށް އަމީތު ވަނީ ފާހަގަކުރައްވާފަ އެެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އޮފް ހެލްތު އިރުތިޝާމް އާދަމް ވިދާޅުވީ 24 ގަޑިއިރުގެ ސިއްހީ ހިދުމަތް ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ދިނުމަކީ ރައީސް ޔާމީނުގެ ވައުދުތަކުގެތެރެއިން ވައުދެއް ކަމަށެވެެ. އަދި މިހާރު ވަރަށް ގިނަ ސަރަަހައްދުތަކުން 24 ގަޑިއިރު ސިއްހީ ހިދުމަތް ލިބޭކަން ފާހަގަކޮށް އިރުތިޝާމް ވިދާޅުވީ އެއީ ބޮޑު ކާމީޔާބީއެއް ކަމަށެވެ.

މަޑުއްވަރީގެ އިތުރުން ދޮންފަނާއި ދަރަަވަންދޫ އަދި އޭދަފުއްޓަށް ވެސް ހެލްތު މިނިސްޓަރު އިއްޔެ ވަނީ ޒިޔާރަތްކުރައްވައިފަ އެވެ.