ސަގާފީ ދާއިރާ އިން ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އިންޑިއާއިން ރާއްޖެ އަށް ހަމަޖެއްސެވި އާ ސަފީރު ކައަކިލޭޝް މިޝްރާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 20 އާޓިސްޓަކު އިންޑިއާގެ ސުރުތާޖު ކުންޑް އިންޓަނޭޝަނަލް އާޓްސް އެންޑް ކްރާފްޓް ފެސްޓިވަލްގައި ބައިވެރިވާތީ ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) ން ފޯރުކޮށްދޭ އެހީ ހަވާލު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިޝްރާ ވިދާޅުވީ ރާއްޖެއާ އިންޑިއާ ގުޅުމަކީ އެކި ދާއިރާތަކުން ގުޅިފައިވާ ގުޅުމެއް ކަމަށާއި އެގޮތުން ސަގާފަތާއި އާޓްސްގެ ދާއިރާއިން ވެސް ދެ ގައުމުގެ އޮތީ ވަރަށް ހަރުދަނާ ގުޅުމެއް ކަމަށެވެ.

މިޝްރާ ވިދާޅުވީ ސަގާފަތާއި އާޓްސްގެ ދާއިރާ އިން ދިވެހިންނާއި އިންޑިއާ މީހުންނަށް ވެސް ތަމްރީނު ޕްރޮގްރާމްތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި ދިވެހިން ވެސް އިންޑިއާ އަށް ގޮސް ސަގާފަތާއި އާޓްސްގެ ދާއިރާއިން ތަމްރީން ހޯދާއިރު ރާއްޖޭގެ ސަގާފަތާއި އާޓްސްގެ ދާއިރާ އިން ތަޖުރިބާ ކުރުމުގެ ފުރުސަތު އިންޑިއާ ރައްޔިތުންނަށް ވެސް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

"ކަލްޗާ އަދި އާޓްސްގެ ދާއިރާއިން ތަމްރީން ހޯދުމަށް ފޮނުވާނީކީ ހަމައެކަނި ދިވެހިންނެއް ނޫން. ހަމަ އެފަދައިން ރާއްޖޭގެ ސަގާފަތާއި އާޓްސްގެ ދާއިރާ އިން ރާއްޖެއަށް އައިސް ތަމްރީން ހޯދުމުގެ ފުރުސަތު އިންޑީއާގެ ރައްޔިތުންނަށް ވެސް އަޅުގަނޑުމެން ފޯރުކޮށްދޭނަން." ސަފީރު ކައަކިލޭޝް މިޝްރާ ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ސުރުތާޖު ކުންޑް އިންޓަނޭޝަނަލް އާޓްސް އެންޑް ކްރާފްޓް ފެސްޓިވަލްއަށް ދާ ރާއްޖޭގެ ބޮޑުބެރު ގުރޫޕަކާއި އައްޑޫ ވޮމެން ސޮސައިޓީއާއި ވުމަން އިންޓަޕްރިނާސްއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.