29 Jan 2016, 22:55
ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތަށް ރާއްޖެއިން ހައްޔަރުކުރި ސްރީލަންކާގެ "ސްނައިޕަރު" ހައްޔަރުކޮށްފައި ވަނީ، އޭނާ ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ ހެކި ހުރުމުން ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ސައުވީސް އަހަރުގެ ލަހިރު މަދުޝަންކަ ނަމަކަށް ކިޔާ ސްރީލަންކާގެ ރައްޔިތަކު ރާއްޖެއިން ހައްޔަރުކުރީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު، ރާއްޖެއިން ފުރުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓަ އެވެ. އޭނާގެ މައްސަލަ ތަހްގީގު ކުރެވެމުންދާ އިރު، އެކި ފަހަރު މަތިން އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރު ކޮށްފަ އެވެ.
ސްރީލަންކާގެ ކޮލޮމްބޯގައި ތިއްބަވާ ޑިޕްލޮމެޓުންނާއި ބައިނަލްއަގްވާމީ މީޑިޔާއަށް މައުލޫމާތު ދެއްވަމުން، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ވިދާޅުވީ، ލަންކާގެ ސްނައިޕަރު ރާއްޖޭގައި ބަންދުކޮށްފައި ހުރީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުރުމުން ކަމަށެވެ.
"މި މައްސަލަ އަދިވެސް ދަނީ ތަހްގީގް ކުރެވެމުން. އެހެންކަމުން މާ ބޮޑު މައުލޫމާތެއް ހާމަކުރެވޭކަށް ނެތް. އެކަމަކު އޭނާ ބަންދުގައި ބެހެއްޓުމަށް އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި އެބަހުރި. އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަނީ ކޯޓުގެ ގާޒީން ކުރިމައްޗަށް ގެންގޮސްގެން،" އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ، ހައްޔަރުގައި ހުރި ލަންކާ މީހާއަށް ގާނޫނީ ވަކީލުންގެ އެހީތެރިކަމާއި، ކޮންސިއުލާ ހިދުމަތް ހޯދުމުގެ މަގު ދިވެހި ސަރުކާރުން ތަނަވަސް ކޮށްދީފައިވާނެ ކަމަށެވެ.
ލަހިރު މަދުޝާންކަ ހައްޔަރުކޮށްފައިވާ އިރު، ސްރީލަންކާގެ ފަރާތްތަކުން ބުނެފައިވަނީ އޭނާއަކީ ހިކިމަހުގެ ވިޔަފާރި ކުރުމަށް ރާއްޖެއަށް އާންމުކޮށް ގޮސް އުޅޭ މީހެއް ކަމަށެވެ. އޭނާ ދޫކޮށްލުމަށް ދިވެހި ސަރުކާރުގައި އެދޭނެ ކަމަށް ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ވިދާޅުވި ކަމަށް ލަންކާގެ މީޑިޔާގައި ރިޕޯޓު ކުރެވުނެވެ.
ނަމަވެސް ދިވެހި ފުލުހުުން ބުނެފައިވަނީ، ހައްޔަރުކުރި ލަންކާ މީހާއަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަވަހާރަކޮށްލުމުުގެ ބޭނުމުގައި، ބަޔަކު ފައިސާ ދީގެން ރާއްޖެ ގެނައި މީހެއް ކަމަށެވެ.
އޮކްޓޫބަރު މަހުގެ ފަހު ހަފްތާގެ ތެރޭގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރުތަކެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ބ. ހިބަޅިދޫން ވަނީ ހޯދައިފައެވެ.
އެ ހަތިޔާރުތައް ނަގާފައި ވަނީ ހިބަޅިދޫއަށް ވަންނަ ނެރު ކައިރިން ކަނޑުގެ 42 މީޓަރު އަޑިންނެވެ. ފުލުހުންނާއި ސިފައިން ހޯދި ހަތިޔާރުތަކުގެ ތެރޭގައި ސްނައިޕަރު ރައިފަލެއްގެ ވަޒަނަކާއި ދުރުމިއެއް ހިމެނެއެވެ.