29 Jan 2016, 22:12
މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް އިނގިރޭސި ވިލާތަށް މިހާރު ވަޑައިގެން ހުންނެވި، 13 އަހަރަށް ޖަލަށް ލެވިފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އޮޕަރޭޝަން ނިންމަވައިލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިނުގެންފި ނަމަވެސް ދިވެހި ސަރުކާރަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި ބައިނަލްއަޤްވާމީ މީޑިޔާއަށް ރާއްޖޭގެ ހާލަތާއި ބެހޭގޮތުން މައުލޫމާތު ދެއްވުމަށް، މިއަދު ކޮލޮމްބޯގެ ބަންޑާރަނަޔަކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފެރެންސް ހޯލުގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ، އިނގިރޭސި ވިލާތުގައި މިހާރު ހުންނެވި ރައީސް ނަޝީދު ރާއްޖެއަށް އެނބުރި ވަޑައިނުގެންފި ހާލަތެއްގައި، އެކަމާއި ގުޅިގެން ދިވެހި ސަރުކާރަށް މާ ބޮޑު ކަމެއް ނުކުރެވޭނެ ކަމަށާއި، ސަބަބަކީ ނަޝީދު ހުންނެވީ ރާއްޖޭގެ އިހްތިސާސް ހިނގާ ސަރަހައްދުން ބޭރުގައި ކަމަށް ވުމުން ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ އަލީ ނަސީރު މުހައްމަދު ވެސް ވިދާޅުވީ، ނަޝީދު ރާއްޖެ ވަޑައިނުގެންފި ހާލަތެއްގައި، އެމަނިކުފާނު "ގަދަކަމުން" ވެސް ރާއްޖެ ނުގެނެވޭނެ ކަމަށެވެ. ސަބަބެއް ކަމަށް އަލީ ނަސީރު ވިދާޅުވީ، ރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު، ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާއެއް ހެދިފައި ނެތުން ކަމަށެވެ.
ދިވެހި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފްދުން ސްރީލަންކާގެ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރެއްވަނީ - ފޮޓޯ: ފޮރިން މިނިސްޓްރީ
ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ވިދާޅުވީ، ނަޝީދަކީ ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވި، މަތީ ހައިސިއްޔަތެއް ލިބިގައިވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގަތީ މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށެވެ. ދިވެހި ސަރުކާރުން އެމަނިކުފާނުގެ އޮޕަރޭޝަން ކުރުމަށް 30 ދުވަހުގެ މުއްދަތެއް ދެއްވާފައި ވެ އެވެ. އޮޕަރޭޝަން ކުރެއްވުމަށް ނަޝީދު 18 ޖަނަވަރީ ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާ އިރު، އެމަނިކުފާނު މިހާތަނަށް އޮޕަރޭޝަން ކުރައްވާފައިވާކަން އެނގިފައެއް ނުވެ އެވެ.
އެހެން ނަމަވެސް އެމަނިކުފާނު ވަނީ، ސްރީލަންކާގައި ހުންނަވާ ބޭރުގެ ބައެއް ޑިޕްލޮމެޓުންނާއި، އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަންގެ އިތުރުން، ބައިނަލްއަޤްވާމީ ބޮޑެތި މީޑިޔާއާ ބައްދަލުކުރައްވައިފަ އެވެ.