29 Jan 2016, 18:57
ތިނަދޫއިން އަހުމަދު ސާއިލް އަލީ
ގދ. ތިނަދޫއިން ކަރަންޓު ކެނޑި މުޅިރަށް މާޔޫސްކަމުގައި ވާއިރުވެސް އެކުވެރި ކަމަކަށް ބަދަލެއް ނާދެއެވެ. އޭގެ އެއް ހެއްކަކީ މިއަދު މިރަށަށް ގެނައި ދެ ޖަނަރޭޓަރު ބާލަން އުޅުން ފަރާތްތަކަށް ތިނަދޫ އަންހެންވެރިން އިސްވެ ތިބެ ދެކުނެއް ނުވަތަ ވެދުމެއް އެރުވުމެވެ.
ދެކުން އަކީ ބަޔަކު މަސައްކަތެއް ކުރާއިރު އެބަޔަކަށް ހިތްވަރު ދިނުމާއި އެބަޔަކާއެކު ތިބިކަން އެންގުމަށްޓަކައި ދޭ ކެއުމެކެވެ. އޭގެ ތެރޭގައި ކާނެ ތަކެއްޗާއި ބޯނެ ތަކެއްޗާއި ދުފާއެއްޗެހި ހިމެނެއެވެ.
ތިނަދޫއަށް އަލުން ކަރަންޓު ދިނުމަށްޓަކައި އެއް މެގަވޯޓުގެ ދެ ޖަނަރޭޓަރު މިއަދު ހެނދުނު މިރަށަށް ގެނެސްފައިވާއިރު އެޖަނަރޭޓަރު ރަށަށް ބޭލުމުގައި ވަނީ ދަތިތަކަކާއި ކުރިމަތިވެވެފައެވެ. އިންޖީނު ބޭލުމުގެ މަސައްކަތުގައި ބުރަކޮށް އުޅޭ ފަރާތްތައް މިއަދު މިވަނީ މިރަށު އަންހެން ވެރިންގެ މަސައްކަތުން ހެއްވާލާ ހިތްވަރު އާލާކޮށްދީފައެވެ.

ތިނަދޫ އަންހެނުން އިންޖީނު ބޭލުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް ދެކުން އަރުވަނީ-- ފޮޓޯ: އިބްރާހިމް
މިރަށު އުތުރު އަވަށަށް ނިސްބަތްވާ އެކި އުމުރުފުރާގެ 50 އަކަށް އަންހެންނުން ވަނީ މިއަދު ހަވީރު ޖަނަރޭޓަރު ބޭލުމުގެ މަސައްކަތުގައި ތިބި ފަރާތްތަކަށް ދެކުން އެއް އަރުވާފައެވެ. އެގޮތުން ބުރަ މަސައްކަތުގައި ތިބި ފަރާތްތަކަށް ހަވީރު ސައި ވަނީ ހަދިޔާކޮށްފައެވެ.
ހަވީރުގެ ސައިގެ އިތުރުން މަސައްކަތް ކުރަން ތިބި ފަރާތްތަކުގެ ހިތް އުފާކޮށްދިނުމުގެ ގޮތުން އަންހެންވެރިން ވަނީ ލަވައެއް ހުށައަޅާދީފައެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއިން މުޅި ތިނަދޫއިން ކަރަންޓު ކެނޑިފައިވާއިރު މިއަދު ގެނައި ދެ ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނެސް މާދަމާ ތިނަދޫއަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.