29 Jan 2016, 16:18
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަށް އޭނާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދިފާއީ ހެކިން ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް ނިންމީ ދިފާއީ ހެކިން ހުށަހެޅުމަށް ކުރިން އިމްރާންގެ ފަރާތުން ކޯޓުގައި އެދިފައި ނުވާތީ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.
އިމްރާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މެއި 2015 ވަނަ ދުވަހު "އަނިޔާވެރިކަން ނިންމަން" މި ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އިމްރާން އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ދައުލަތުން ވަނީ ސިއްރު ހެކިވެރިއެއްގެ ހެކިބަސް އިއްވާފަ އެވެ. ހެކިބަސްދެމުން ހެކިވެރިޔާ ބުނީ އެކެއް މޭ ދުވަހު އަދާލަތު ޕާޓީން އިސްނަގައިގެން މާލޭގައި ބޭއްވި އެއްވުމުގެ ކަންކަން ބަލާލުމަށް އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވި ކަމަށެވެ. އަދި އޭނާ އެދުވަހު މުޒާހަރާގައި އުޅުނީ އަމިއްލަ ފަރުދެއްގެ ގޮތުން ކުޅިބަލާލަންކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.
އެދުވަހުގެ މުޒާހަރާގައި ސޯޝިއަލް ސެންޓަރާއި ދިމާލުގައި ހުރެ ސިޔާސީ ފަރާތްތަކުން ވާހަކަދެއްކި ކަމަށާއި އޭގެތެރޭގައި އިމްރާން އަބްދުﷲ ވެސް ހިމެނޭ ކަމަށް ހެކިވެރިޔާ ބުންޏެވެ. އިމްރާންގެ ވާހަކާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް ފާޅުގައި ގޮވާލާފައި ނުވާ ކަމަށާއި ނަމަވެސް އިމްރާން ދެއްކި ވާހަކަތަކެއްގެ ސަބަބުން މީހުންނަށް އަނިޔާވެރިވާން ހިތްވަރު ލިބުނީކަމަށް ގަބޫލުކުރެވޭކަމަށް ހެކިވެރިޔާ ބުންޏެވެ.
އެމައްސަލާގައި ބޭއްވި އަޑުއެހުމުގައި ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ މައްސަލައާ ގުޅިގެން ޝަރީއަތުގެ ބޭނުމަށް ދެންއޮއްނަ ޝަރީއަތެއްގައި މީހަކު ހާޒިރު ކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކާކުކަން ގާޒީ ހާމަކުރައްވާފައެއް ނުވެ އެވެ. ގާޒީ ވިދާޅުވީ ޝަރީއަތުގެ ފަރާތުން ހާޒިރުކުރާ މީހާއާ ސުވާލު ކުރުމުގެ ފުރުސަތު ދައުލަތަށް ވެސް އަދި އިމްރާންގެ ވަކީލުންނަށް ވެސް ލިބޭނެ ކަމަށެވެ.