ރައްކާތެރިގޮތުގައި ފެން ރައްކާކުރުމަށް ބޭނުންކުރާ 2100 "ޖެރީ ކޭންސް" ދިވެހި ރެޑްކްރެސެންޓުގެ ފަރާތުން ތިނަދޫ ރައްޔިތުންނަށް ފޯރުކޮށްދީފި އެވެ.

ޖެރީ ކޭންސްއަކީ އޭގައި ފެން ރައްކާތެރިކަމާ އެކު ބެހެއްޓޭނެ ހަމެކެވެ.

ދިވެހި ރެޑްކްރެސެންޓްގެ އޮފިޝަލަކު ވިދާޅުވީ، އެއިން ކޮންމެ ހަމެއްގައި 20 ލީޓަރުގެ ފެން ރައްކާކޮށްފައި ބެހެއްޓޭނެ ކަމަށެވެ.

ތިނަދޫ އިންޖީނުގޭގައި ރޯވެ، ކަރަންޓު ކެނޑުމާ ގުޅިގެން އެރަށު ގިނަ ރައްޔިތުންތަކެއް އުނދަގޫތައް ތަހައްމަލުކުރަމުން އަންނަ މި ދަނޑިވަޅުގައި ރެޑްކްރެސެންޓްގެ ޓީމެއް އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

އެގޮތުން އެ ޖަމާއަތުގެ ގައުމީ ފެންވަރުގެ ކުއްލި ހާލަތްތަކަށް އިޖާބަދޭ ޓީމުގެ ދެ މެމްބަރަކު ތިނަދުއަށް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެޓީމުން ހަރަކާތްތެރިވާނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރާއި އެމްއެންޑީއެފްގެ ތިނަދޫ ފަޔަރ ސްޓޭޝަނާއި ތިނަދޫ ޕޮލިސް ސްޓޭޝަނާއި އަދި ތިނަދޫ ކައުންސިލާއި ގުޅިގެން އެކުލަވައިލާފައިވާ ކްރައިސިސް މެނޭޖްމަންޓު ކޮމެޓީއަށް ފަންނީ ލަފާ ދިނުމަށް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި ބުނީ އެ ރަށުގެ ހާލަތު މިވަގުތު އޮތްގޮތް ދެނެ ގަނެ އެންމެ އަވަހަށް ބޭނުންވާ އެހީގެ މިންވަރު ކަނޑައެޅުމަށް ހަދާ ރެޕިޑް އެސެސްމެންޓު ހެދުމަށް ވެސް އެހީތެރިވެދޭނެ ކަމަށެވެ.

އެ ޓީމުން ވަނީ ތިނަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީގައި އެރަށު ކުދިންތަކަކަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ސެޝަންއެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އަދި މި ދަނޑިވަޅުގައި ސަމާލުކަން ދޭންވީ ކަންކަން އެ ޖަމާއަތުން އަންނަނީ އަންގައިދެމުންނެވެ.